މިފަހުގެ ތާރީހުތަކުގައި ރާއްޖޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނާއި، އަޅާ ބަލާއިރު ވޯޓުލާ މީހުންގެ ނިސްބަތް ވަރަށް މަދެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް މީގެ 20.15 އިންސައްތަ މީހުން ވޯޓެއް ނުލައެވެ. އެއީ 56،909 މީހުންނެވެ. އެއަށްފަހު ދެން އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބަލާއިރުވެސް ވަކި ރަނގަޅެއް ފެންނާކަން ނެތެވެ.
ހާއްސަ ގޮތެއްގައި ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގައި ވޯޓުލާން ނިކުންނަނީ މަދު ބަޔެކެވެ. އެންމެ ފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައިވެސް ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބުން ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވީއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުންނެވެ. މިހެން ގޮސް އެތައް ތަފާސް ހިސާބުތަކެއް ހިއްސާ ކުރެވިދާނެއެވެ.
މިއީ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުކަމަށް ބުނެ ނިންމަލެވޭ ވަރަށްވުރެ، ބޮޑު މައްސަލައެވެ. ވޯޓަކީ އެތައް ގޮތަކުން މުސްތަގުބަލާއި ގުޅިފައިވާކަމަކަށްވާއިރު، ވޯޓުލާން ނުނިކުންނަނީ ކީއްވެގެންތޯ ދެނެގަންނަން ޖެހެއެވެ. އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ވޯޓުލާން ނުނިކުންނަނީކަމަށްވާނަމަ ގައުމުގެ މުހިންމު ކަންކަމުގައި ގޮތް ނިމިގެން އެދަނީ އެތައް ބައެއްގެ ބަހެއް ނެތިއެވެ.
ވޯޓަށް އަހަނީ ގޮތް ނިންމާ ކަންކަން ކަނޑައެޅުމުގެ ބާރު ލިބިގެންވާފަދަ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށެވެ. އެއީ ގައުމުގެ މުސްތަގުބަލު ބައްޓަންކޮށް، މައްސަލަތަކަށް ހައްލު ގެނައުމުގައި އެބައެއްގެ ބަސް ހިމަނާނެ މީހުންނެވެ. އެފަދަ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށްޓަކައި ނަގާ ވޯޓުގައި ބައިވެރިނުވާނަމަ، ގެއްލިގެން އެ ދަނީ ތިމާގެ ބަސް ގައުމުގެ ކަންކަމުގައި އިއްވުމުގެ ފުރުސަތެވެ. މިއީ މުހިންމުކަމެއްކަމަށް ނުފެނު ނަމަވެސް، އަދި ޝައުގުވެރިކަމެއް ނެތް ނަމަވެސް، މިފަދަ ކަންކަމަށް ބަދަލު ގެނައިސްގެން ހާލަތު ރަނގަޅު ކުރެވިދާނެ ކަންކަމެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރާ އުސޫލުތަކާއި ގަވާއިދު ތަކުގައިވާ ގޮތުން، ވޯޓުލާން މީހުން ނުނިކުތް ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދާއި އެއްވަރަށް ވޯޓު ކަރުދާސް ޕްރިންޓު ކުރަންޖެހެއެވެ. މީހުން ވޯޓު ލާން ނުނިކުންނަނީކަމަށްވާނަމަ ބޭކާރު ގޮތެއްގައި ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ. ހަގީގަތަކީ ކޮންމެ އިންތިހާބަކަށް އަދި ބައި އިލެކްޝަނަކަށް ބޭނުންވާ ބަޖެޓު އީސީގައި ނޯންނަކަމެވެ. އަދި ބޭނުންވާ ބަޖެޓު ހޯދުމަށްޓަކައި އެތައް މަސައްކަތެއް ކުރަން ޖެހޭކަމެވެ. ގައުމުގެ އިގްތިސާދީ ހާލަތާއި، މާލީ ހާލަތު ގޯސްކަމުގެ ވާހަކަ އަބަދު ދައްކާއިރު، މިހެން ހުންނަ ކަންކަމަށް ވިސްނާ ފަރުދީ ޒިންމާ އަދާ ކުރަން ޖެހެއެވެ.
ވޯޓުލާން ނުނިކުންނީ ކީއްވެގެންތޯ ސުވާލު އުފެއްދުމުން، ލިބޭ ޖަވާބުތަކެއްވެސް ހުރެއެވެ. އެގޮތުން ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު ގެއްލި، ޝައުގުވެރިކަން ގެއްލިފައިވާކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ. ވޯޓުލީ ނަމަވެސް އެކަމުން ލިބޭ އެއްވެސް މޮޅެއް ފައިދާއެއް ނެތްކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި ރައްޔިތުން ވޯޓު ދީ، އިންތިހާބުކުރުމުން މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާކަމަށާއި، ރައްޔިތުންނަށްޓަކައި ކޮށްދޭ މަސައްކަތުގެ ބަދަލުގައި، މަސައްކަތް ކުރަނީ އަމިއްލަ މަންފާއަށްކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ.
އެހެންކަމުން ތިމާގެ ބައިވެރިވުމާއި، ހިއްސާއާއި، ވޯޓާއިއެކު މީހަކު މަގާމަކަށް އިންތިހާބު ކުރަން ބައެއް ރައްޔިތުން ބޭނުމެއް ނުވެއެވެ. ސަބަބަކީ އެމީހާ އެ ހަދާ ގޯހުގެ ޒިންމާ އެންމެ ފަހުން ގޮސް ރައްޔިތު މީހާގެ ބޮލުގައި އެޅުމެވެ.
މިއީ ސިޔާސީ މަސައްކަތުގައި އުޅޭ ފަރާތްތަކުން ވިސްނާލުން މުހިންމު ކަންކަމެވެ. ފުރިހަމަ ޑިމޮކްރަސީއެއް ގައުމަށް ހެޔޮވަރުކޮށް، ރައްޔިތުންގެ ބައިވެރިވުމާއިއެކު ގައުމު ހިންގާ، މައްސަލަތަކަށް ހައްލު ހޯދުމުގެ މަގްސަދުގައި މަސައްކަތް ކުރާކަމަށް ސިފަ ކުރާ ސިޔާސީ ބޭފުޅުން އެންމެ ފުރަތަމަ ހައްލު ގެންނަންވީ މައްސަލައަކީ މިއީއެވެ.
މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މީހުން ވޯޓުލާން ނިކުންނަ ނިސްބަތް މަދުވަނީ ކީއްވެގެންތޯ ބެލުމަށް ދިރާސާއެއް ހައްދަވާނެކަމަށް އީސީއިން ވަނީ މައުލޫމާތު ދީފައެވެ. ގައުމުގެ ހިންގުމުގައި އާއި ކަންކަން ނިންމުމުގައި ހުރިހާ ރައްޔިތުންގެ ބަސް ހިމެނުމުގެ މަގްސަދުގައި މަސައްކަތް ކުރާއިރު، މިއީ ބަލަން ޖެހިފައި އޮތް މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ތިބި މެންބަރުންނަކީ ރައްޔިތުންގެ ތާއީދު އޮތީތީ އިންތިހާބުވީ ބައެއްކަމުގައި ދައްކަން މަސައްކަތް ކުރި ނަމަވެސް ހަގީގަތަކީ ވޯޓުލާން އޮންނަ އާބާދީ 4 ބައި ކޮށްފިނަމަ، އޭގެން އެއް ބައިގެ ވޯޓުވެސް ނުލިބި އިންތިހާބުވެފައި ތިބި މެންބަރުން އެބަތިބިކަމެވެ. ކަން މިހެން އޮތުމުން މަޖިލީހުގައި އެ އިވެނީ ހަގީގަތުގައި ރައްޔިތުންގެ އަޑެއް ނޫނެވެ.
އެހެންކަމުން މި މައްސަލައަށް ހައްލު ހޯދަންޖެހެއެވެ. ގައުމު ހިންގާ ނިޒާމަށް ގެއްލިފައި އޮތް ތާއީދު އަނބުރާ ހޯދުމަށްޓަކައި ކުރަން ހުރި މަސައްކަތް ދެނެގަންނަން ޖެހެއެވެ. ނޫންނަމަ އަޅުގަނޑުމެންގެ ގައުމު ހިނގާނީ މަދު ބަޔަކު ބޭނުންވާ ގޮތަށެވެ. ހުރިހާ ރައްޔިތުންގެ އަޑާއި އެއްގޮތަކަށް ނޫނެވެ. ގައުމުގެ ހާލަތު ރަނގަޅު ކުރަން ބޭނުންވާނަމަ ރައްޔިތުންވެސް މިހެން ހުރި މައްސަލަތަކަށް ހައްލު ގެންނައުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރަން ޖެހެއެވެ. ވޯޓަކީ ފައިސާ ފޮއްޗަކަށް ވިކޭ އެއްޗަކަށް ވެގެން ނުވާނެއެވެ.


One Response
ފައިސާ ފޮއްޗަކަށް ވިކޭ އެއްނޫން. ވިއްކާ