ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭނު މަސްވެރިކަމުގެ އަސަރު އިގްތިސާދަށް ކުރާނެ، ނިންމުން އަނބުރާ ގެންދަން ޖެހޭ: އެމްޑީޕީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޫކުރުމުގެ ސަބަބުން ފަތުރުވެރިކަމާއި ބައިނަލްއަޤުވާމީ ގޮތުން ގައުމަށް ގެއްލުންވާނެކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުމަށް ސަރުކާރުގެ ކެބިނެޓުން ނިންމައި، ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް ބޭރު ކުރެވޭ ގޮތަށް ގަވައިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެއްޔާއި، ލޯ ބޮޑު ކަންނެލިއަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމީ މިދިޔަ މާޗު މަހު އެވެ.

އެ ނިންމުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީ އެކުލަވާލި ލޭނު މަސްވެރިކަމާއި ގުޅޭ ގަވައިދަށް އާންމުންގެ ހިޔާލަށް ވަނީ ހުޅުވާލަފަ އެވެ. މިނިސްޓްރީގެ ގަވައުދުގައިވާ ގޮތުން ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ޕްރޮސެސް ކުރުމުގެ ހުއްދަ ދޫކުރެވޭނެ އެވެ. މި ހުއްދަ ލިބުނު ނަމަވެސް ސީދާ މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުން މަނާވާނެކަމަށް ގަވައިދުގައި ވެއެވެ.

ގަވައިދަށް ދެކޮޅު ހައްދަވައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ލޭނު މަސްވެރިކަމަށް ހުއްދަ ދީ ސަރުކާރުން ނިންމި ނިންމުން ގޯސް ކަމަށެވެ. ޝާހިދު ވިދާޅުވީ ހާއްސަކޮށް ލޭނުއަޅައިގެ މަސް ހިފުމުގެ ތެރޭގައި، ޖެހޭ މިޔަރުތައް ޕްރޮސެސް ކުރުމަށް ހުއްދަ ދޫކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބިފައި ހުރި ކުރިއެރުންތަކުން ފަހަތަށް ސޮއްސާލާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށް އެ ނިންމުން ވަގުތުން ވަގުތަށް ހުއްޓުވުމަށް ޝާހިދު ގޮވާލި އެވެ.

މީގެއިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ ޕާޓީގެ ވެރިކަމުގައި ލޭނު މަސްވެރިކަން މަނާ ކުރީ މުޅި ސިނާއަތުގެ މަންފާއަށް ބެލުމަށްފަހުކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ނަގައިދޭން އުޅޭކަމަށް ތުހުމަތުކޮށް ފައްޔާޒް ވިދާޅުވީ ލޭނު މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދަމަހައްޓަން ޖެހޭކަމަށެވެ.

މި ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފަހަތަށް ޖެހޭނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި މިކަން ވެސް ގުޅިފައި ވަނީ ސަރުކާރުން ގެންގުޅޭ ހަމަނުޖެހޭ މާލީ ސިޔާސަތަކާތޯ ފައްޔާޒް ސުވާލު އުފެއްދެވި އެވެ.

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޫކުރިކަމަށް ދޭހަވާ ގޮތަށް މައުލޫމާތުތައް ފެތުރޭތީ، ފިޝަރީޒް މިނިސްޓްރީ ބުނެފައި ވަނީ މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއެއް ކަމަށެވެ.

އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ މިޔަރު ޕްރޮސެސް ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި އެކަމުގެ ލައިސެންސް އޮތް ނަމަ އެވެ. އަދި ލައިސެންސް އޮވެގެން ވެސް މިޔަރުގެ ބާވަތްތައް ރާއްޖޭގެ މާކެޓުގައި ނުވިއްކޭނެކަމަށް ވަނީ ބުނެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: