ރާއްޖެ ކަހަލަ ގައުމުތަކުގެ ތަރައްގީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އާ އީޖާދުތައް ހަމަހަމަ އުސޫލެއްގެ މަތިން ގްލޯބަލް ސައުތުގެ ގައުމުތަކަށް ފޯރާކަން ކަށަވަރުވުން މުހިންމުކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ސަރުކާރުން ވާޗުއަލްކޮށް ކުރިޔަށް ގެންދިޔަ ވޮއިސް އޮފް ގްލޯބަލް ސައުތް ސަމިޓުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޗާޓިން އަ ނިއު ޕެރެޑައިމް ފޯ ގްލޯބަލް ސައުތްގެ ޝިއާރުގެ ދަށުން ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގައި ދެއްވި ތަގުރީރުގައި ޒަމީރު ވިދާޅުވީ 2023 ވަނަ އަހަރު ގްރޫޕް އޮފް 20 ގެ ރިޔާސަތުގައި އިންޑިއާ އަދާކުރި ފުރިހަމަ ދައުރާއި އެ ގައުމުގެ އިސްނެގުމަށް ތައާރަފްކުރި މުހިންމު ހަރަކާތްތަކަށް މަރުހަބާ ކިޔާކަމަށެވެ.
މި ހަރަކާތްތަކުގެ ސަބަބުން ޖީ20 ގެ މެމްބަރު ގައުމުތަކުގެ އިތުރުން ޖީ20 ގައި ނުހިމެނުނު ނަމަވެސް، ގްލޯބަލް ސައުތުއަށް ނިސްބަތްވާ ގައުމުތަކަށް ލިބިގެން ދިޔަ މަންފާ ފާހަގަކުރައްވައި އެކަމަށް ޒަމީރު ޝުކުރު އަދާކުރި އެވެ.
ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުން ދާ ގޮންޖެހުންތައް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ދަރަނި އިތުރުވުމުގެ މައްސަލަ އަދި މަލްޓިލެޓްރަލް ފްރޭމްވޯކްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ބަލަހައްޓައިގެން ކަމަށެވެ.
ޒަމީރު ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި، ގްލޯބަލް ސައުތު އާއި، މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތު ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ ފަދަ ގައުމުތަކުގެ ތަރައްގީގެ ތަސައްވަރު ހާސިލު ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އައު އީޖާދަތައް ހަމަހަމަ އުސޭލެއްގެ މަތިން ގްލޯބަލް ސައުތުގެ ގައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި، ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ ޒަމީރު ވިދާޅުވި ގޮތުގައި ގްލޯބަލް ސައުތުއާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެންނެވެ.
ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20 ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެމްބަރު ގައުމުތައް، އަދި ޙާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ.

