ރާއްޖޭގައި ބޮޑު ކަންނެއްލި ހިފަން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއިމެދު ކަންބޮޑުވުން ފާޅުކޮށް މިއަދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށައެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ. މި މައްސަލަ މިއަދުގެ މަޖިލީހުން ބޭރުކޮށްލީއިރު، މައްސަލަ ބަލައި ގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. އަދި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް 47 މެންބަރުން ވޯޓު ދެއްވިއެވެ.
ކުއްލި މައްސަލައިގައި ވަޒީރުންގެ މަޖިލީހުގެ މި ނިންމުން ބަދަލު ކުރުމަށް ވަނީ ގޮވާލާފައެވެ. ފާއިތުވެދިޔަ ސަރުކާރުތަކުގައި އެކި ފަހަރު މަތިން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވާކަމަށް ފާހަގަކޮށް މި ކުއްލި މައްސަލައިގައި ވަނީ، މި ނިންމުން ތަންފީޒް ކޮށްފައި ނުވާކަމަށެވެ.
ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ މީގެކުރިން ދީފައި ނުވާ ސަބަބާއި ބެހޭ ގޮތުން ކުއެްލި މައްސަލައިގައި ބުނެފައި ވަނީ އެކަމަށް ހުއްދަ ދީފިނަމަ ކަނޑުގެ ދިރުންތައް ނެތިދިއުމަށް މަގުފަހިވާނެ ކަމަށާއި، މަސްވެރިކަމުގެ އަމާޒަކަށް ނުވާ އަދި ނެތި ދިއުމުގެ ބިރު އޮތް ދިރުންތަކެއްވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެދާނެ ކަމަށްވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ތަފާތު އެކި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ހުއްދަ އަލުން ދީފިނަމަ ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭ ގޮތުން މަސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ފަރާތްތަކާއި، އަދި ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ވަކާލާތު ކުރާ ފަރާތްތަކުގެވެސް ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރިކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މަސްވެރި އާއިލާތަކުގެ އާމްދަނީއަށް ކުރާނެ ނޭދެވޭ އަސަރާއި މެދު ވިސްނުން މުހިންމުކަމަށް މައުރޫފް ވިދާޅުވިއެވެ.
ލޭނު އެޅުމުގެ ހުއްދަ ދީފިނަަމަ، އެކަމުގެ ކޯޓާތައް އެންމެ ބޮޑަށް ލިބިގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކައްކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، މި ކޯޓާ ހޯދުމުގެ ފުރުސަތު ދިވެހި އާންމު މަސްވެރިންނަށް ނުލިބުމުގެ ނަތީޖާއަކަށްވާނީ، އެމީހުން އާމްދަނީ މަދުވެ، ވިޔަފާރިތައް ބަނގުރޫޓުވުންކަމަށެވެ. ކޯޓާގެ އުސޫލުން ލޭނު މަސްވެރިކަން ކުރެވޭ އުސޫލުތައް ކަނޑައެޅުމުގެ ސަބަބުން، އެ ކޯޓާގެ ކަޅު ބާޒރެއް ނުސީދާ ގޮތުން އުފެދިގެން ދިއުމަށް މަގުފަހިވާނެކަމެއްކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ މާކެޓު މޮނޮޕޮލައިޒް ކުރުމުގެ ބިރުވެސް އިންތިހާއަށް އޮންނާނެކަމަށް ވިދާޅުވިއެވެ.
އާހިރުގައި މިކަމުގެ މާލީ ގެއްލުން ތަހައްމަލުކޮށް، މަސައްކަތުގެ ހަމަ އަގު ނުލިބި ތިބެން ޖެހޭނީ ދިވެހި އާންމު ބޮޑު ކަންނެލި މަސްވެރިން. ބޮޑު ކަންނެލި ލޭނުގެ މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެއްޓާއި، ތިމާވެއްޓަށް އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ދިގު ރާސްތާގައި ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރާނެކަމުގައި ދެކެން.
މައުރޫފް ވިދާޅުވިއެވެ.
ލޭނު އަޅާނީނަމަ ހިމާޔަތް ކުރެވިފައިވާ ކަނޑުގައި ދިރިއުޅޭ ތަކެއްޗަށްވެސް ގެއްލުން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

