ސްކޭމްކޮށްގެން ހޯދާ ފައިސާ އެކައުންޓުތަކުގައި ރޯލްކޮށްގެން އަސްލު އޮޅުވާލުމަށް ނަގަނީ ކުޑަ ވަގުތުކޮޅެއްކަމަށްވުމާއި އެކު ގާނޫނީ ގޮތުން ކޯޓު އަމުރުތައް ނެރުމުގެ ބަދަލުގައި ބޭނުން ވަނީ އޮޓޮމެޓިކުން އެ ފައިސާ ދައުރު ކުރުން ހުއްޓުވާނެ ބޭންކިން ނިޒާމެއްކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.
އަޒާން ވިދާޅުވީ ސްކޭމް ހިންގާ މީހަކު، އޭނާގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ އެހެން އެތައް އެކައުންޓެއްގައި ރޯލް ކުރާކަމަށެވެ. ފުލުހުން ހިއްސާކޮށްފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުން، ސްކޭމަރުން އެޑްވާންސްވެފައިވާ ލެވެލްއަކީ މިއީކަމަށް އަޒާން ވިދާޅުވި އެވެ.
މިކަން މި ކުރާ ގޮތަކީ، އިނިގިރޭސި ބަހުން މިކިޔަނީ މިކަމަށް ޝެލް ގޭމް.. މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުންނަ ފައިސާ ހޯދައިގެން އެއް އެކައުންޓަށް ފައިސާ ޖަމާކޮށްފަ މަދު ހިނދުކޮޅެއްގެ ތެރޭގައި އެތައް، އެތައް އެކައުންޓަކަށް އެ ފައިސާ އެބަ ޓްރާންސްފާ ކުރޭ..
މި މައްސައްލަ ފާހަގަކޮށް އަޒާން ވިދާޅުވީ، މުހައްމަދު އިބްރާހިމްގެ އިސްލާހުން އެކަމަށް ހައްލު ނުލިބޭކަމަށެވެ. އޭގެ ސަބަބެއްކަމަށް އަޒާން ވިދާޅުވީ ކޯޓު އަމުރެއް ހޯދައިގެން ނުވަތަ ކޯޓު އަމުރެއް ނުހޯދައި ފުލުހުން އެކައުންޓެއް ފްރީޒް ކުރުމުގެ އެލާޓަށް ދެވޭއިރު ވެސް ފައިސާ ހުންނާނީ ރޯލްކޮށްފައި ކަމަށެވެ. އެހެންކަމުން އެހާ ހިސާބުން ފައިސާގެ އަސްލު ގެއްލޭކަމަށް އަޒާން ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ސްކޭމްގެ މައްސަލައިގައި ގާނޫނީ ހައްލު ގެނެސްފައި ވަނީ ބޭންކިން ނިޒާމުގެ ތެރެއިންކަމަށް އަޒާން ވިދާޅުވި އެވެ. އެގޮތުން އެކައުންޓުތަކުގައި ފައިސާ ދައުރު ކުރަމުން ދާ ގޮތުގެ ޕެޓާން ދެނެގަނެ އޮޓޮމެޓިކުން އެ ފައިސާ ދައުރު ކުރުން ހުއްޓުވާކަމަށް އަޒާން ވިދާޅުވި އެވެ.
މިހާރު ގާނޫނަށް މި ހުށަހެޅި އިސްލާހު އެކަމަށް އެއްވެސް ހައްލެއް ލިބިގެން ނުދާނެ.. ހަމަ ފުލުހުން އެކަމުގައި ފިޔަވަޅު އަޅަން މަސައްކަތް ކުރާ ވަގުތުގެ ތެރޭގައި މި އޮންނަނީ އެ ފައިސާ ގެއްލިފައި.. ދެން އަނެއްކަމަށް ކަމެއް ޑިލިޓް ޓްރާންސެކްޝަން.. ޑިލިޓް ސެޓަލްމެންޓް.. ބޮޑެތި އެކައުންޓުތަކުން ފައިސާ ޖަމާކުރިޔަސް އެ ސެޓަލް ނުކޮށް ބޭންކުން ބަހައްޓަނީ..
އެހެންވެ އަޒާން ހުށަހެޅުއްވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރާ ގޮތަށް، ރަނގަޅު ބޭންކިން ނިޒާމެއް ގެނައުމެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް މިފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް، މުހައްމަދު އިބްރާހިމްގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަގްސަދެއްކަމަށް ވަނީ ސްކޭމްގެ މައްސަލައެއް ރިޕޯޓު ކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބް ސިކުއެންޓް އެކައުންޓުތަކުގައި ފައިސާ ހޯލްޑު ކުރެވޭނެ ގޮތެއް ނުވަތަ ނިޒާމެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ހޯދައިދިނުމެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އެކުލެވިފައިވާ ގޮތަށް ބަލާއިރު ކުށް ކުރާކަމަށް ތުހުމަތު ކުރެވިގެން އެކަމުގައި ބައިވެރިވާ ފަރާތްތަކުގެ އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދުމުގެ ފުރުސަތު އޮތް ނަމަވެސް ކުށް ކުރުމަށް ބޭނުން ކުރާ ތިންވަނަ ފަރާތްތަކުގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގެ ބާރެއް ނޯވެ އެވެ.
މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ސްކޭމްކޮށްގެން އެކައުންޓަކުން ފައިސާ ނަގާކަން ފާޙަގަކުރެވޭ ނަމަ އެ އެކައުންޓަކުން ދެވަނަ އެކައުންޓަށް ފައިސާ ޖަމާ ކުރުމުން އެކައުންޓުތައް ވަކި މުއްދަތަކަށް ފްރީޒް ކުރުމަށް އެދެވިދާނެ ކަމަށެވެ. އެކަމަކު ޖަލްސާގައި ވާހަކަ ދެއްކެވި ސަރުކާރުގެ މެމްބަރުން ބިލަށް ތާއީދު ކުރި ނަމަވެސް ވިދާޅުވީ، ކުޑަވަގުތުކޮޅެއްގެ ފައިސާ ރޯލްކޮށް އަސްލު އޮޅުވާލުމުގެ މައްސަލައަށް ޖުމްލަ ހައްލެއް މި އިސްލާހުން ނުލިބޭކަމަށެވެ. އެއީ ސްކޭމެއް ހިނގާ އެކައުންޓެއް ފްލެގް ކުރެވި، ފުލުހުން ނުވަތަ ކަމާއި ބެހޭ ފަރާތަކުން އެޓެންޑުވުމުގެ ކުރިޔަށް ގިނަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ރޯލް ކުރާތީކަމަށް މެމްބަރުން ވިދާޅުވި އެވެ.

