ހިޔާނާތާއި ފޭރުން ފަދަ ކަންކަން ދިވެހި މުޖުތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ، ޖިނާއީ އިޖުރާއަތަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާކަމަށެވެ. ނާޒިލް ވިދާޅުވީ، ފޭރުމާއި ހިޔާނާތުގެ ކަންކަން ވަރަށް ބޮޑަށް މުޖުތަމައުގެ ތެރޭގައި ފެތުރި މުޅި ގައުމު ދަނީ މިވަގުތު ވަރަށް ބޮޑަށް އެ މައްސަލައާއިމެދު ވިސްނާ ފިކުރު ކުރަން ޖެހިފައި ކަމަށެވެ.
އޭނާ ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށައަޅުއްވާފައިވާ އިސްލާހުން އޭނާ ރައްޔިތުންނާއިމެދު ވިސްނަވާ މިންވަރު ފެނިގެންދާކަމަށާއި އިވިގެންދަނީ މުދަލުންނާއި ފައިސާގެ މުއާމަލާތްތަކުގެ ތެރެއިންވެސް ނުހައްގުން ބޮޑެތި ނޭދެވޭ އަމަލުތަކެއް ހިންގަމުންދާކަމުގެ ވާހަކަތައްކަމަށް ހިއްސާކުރެއްވިއެވެ.
މިއަދު މުޅިން ވެސް އިވެނީ ފޭރޭ ވާހަކަތަކާއި ސްކޭމްގެ ވާހަކަތައްކަމަށާއި އަދި އެއީ ކޮންމެ ދުވަހަކުވެސް މީޑިއާތަކުގެ ހެޑްލައިނުން ފެންނަ ހަގީގަތްތައްކަމަށް ފާހަގަކުރެއްވިއެވެ. ނާޒިލް ވިދާޅުވީ، އިސްލާޙުތައް ގެނެސްގެން ނަމަވެސް މުޖުތަމަައުގައި ހިނގަމުންދާ ނޭދެވޭ އަމަލުތައް ހުއްޓުވެންޖެހޭކަމަށާއި މިހާރު ކޮމިޓީގައި އޮތް ޖިނާއީ އިޖުރާއަތުގެ ބިލުގައި މެމްބަރު ހުށައެޅުއްވި އިސްލާހަށް ރިއާޔަތްކޮށް މާއްދާއެއް ހިމެނިފައިވާކަމަށް ހާމަކުރެއްވިއެވެ.

