ދިވެހިރާއްޖެ އޮތީ ހަރުކަށި ފިޔަވަޅުތަކެއް ނާޅާ ސަލާމަތްނުވާ ހިސާބާއި ގާތަށް ގޮސްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ތާރިގު ވިދާޅުވީ، ސަރުކާރަށް މާ ގިނަ ޗޮއިސްތަކެއް ނެތްކަމަށާއި އޮތީ ހަރަދު ކުޑަކުރުމަށްފަހު ލިބޭ އެއްޗަކުން ހަރަދުކުރުންކަމަށެވެ. އަދި އެ ނޫން ގޮތެއް ނެތްކަމަށާއި ޒަމާންވެގެންދިޔައީ އަބަދުވެސް ސަބްސިޑީއާއި ފޮތް ފަންސުރު ހިލޭ ލިބެންޖެހޭ ނިޒާމެއްކަން ރައްޔިތުންނަށް ވިސްނައިދޭންޖެހޭކަމަށް ވިދާޅުވިއެވެ.
ތާރިގު ވިދާޅުވީ، ޑިމޮކްރެސީއެއް ރާއްޖޭގައި ފައްކާވެގެން އައިއިރު އޭރު ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ޕްރެޝަރު ކުރުމަށްޓަކައި ގެންގުޅުނީ ހުރިހާ އެއްޗެއް ދޭންޖެހޭކަމުގެ ފަލްސަފާއެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފޮތް ފަންސުރާއި ބޭސް ފަރުވާގެ އިތުރުން އޯލެވެލް ފީއަކީވެސް ހިލޭ ދޭންޖެހޭނެ އެއްޗެއް ކަމަށް ވިސްނައިދީފައިވުމުން ރައްޔިތުން ތިބީ އެތަކެތި ހިލޭ ލިބޭނެކަމަށް ގަބޫލުކޮށްގެންކަމަށެވެ.
ތާރިގު ވިދާޅުވީ، ހަރުކަށި ފިޔަވަޅުތަކެއް ނާޅާ ސަލާމާތްނުކުރެވޭ ހިސާބާއި ގާތަށް ދިވެހިރާއްޖޭގެ ކަންކަން ގޮސްފައިވާކަމަށާއި އެހެންކަމުން ރާއްޖޭގައި އާބަން ޑިވެލޮޕްމެންޓު ސެންޓަރުތަކެއް ހެދުމަށްޓަކައި ހުށައަޅާފައިވާ ބިލަށް ތާއީދުކުރައްވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިފަދަ ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތްތައް އަވަސް ކުރަން އެދޭކަމަށެވެ.

