އިސްލާމްދީން ދެމެހެއްޓުމަށް މަސައްކަތްކުރާ ކޮންމެ ބޭފުޅެއްގެ ދީނީ ޙިދުމަތަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނުކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މަހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްލާމް ދީނުގެ ޙިދުމަތް ދެމެހެއްޓުމަށް މަސައްކަތްކުރައްވައި ކޮންމެ ފަރާތަކަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އެހީތެރިވެދެެއްވާނެ ކަމަށެވެ. އަދި މިހާރު އެ ވުޒާރާއިން ކުރިއަށްގެންދާ އެކި އެކި ކަންކަމުގައި އިލްމުވެރިން ދެއްވައި އެއްބާރުލުން ފާހަގަކޮށް އެކަމަށް ވަނީ ޝުކުރުއަދާކޮށްފައެވެ.
”އިސްލާމްދީނުގެ ޚިދުމަތް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ކޮންމެ ބޭފުޅަކަށް އެހީތެރިކަން ދިނުމުގެ ބައިވެރިއެއްގެގޮތުގައި ދެމި އޮންނާނެ، އެއްވެސް ބޭފުޅެއްގެ ދީނީ ހިދުމަތަށް އުނިކަމެއް އަންނާނެ ކަމެއް މި ވުޒާރާއަކުން ނުކުރާނެ،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ, އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ އިލްމުވެރިންގެ ބައްދަލުވުން އަލުން ބޭއްވުމަކީ އުފާކުރައްވައި ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބިގެންދާ އެއްބާރުލުމަށް ދީނީ ޢިލްމުވެރިންނަށް ވަނީ ޝުކުރުދަންނަވައިފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ, މި ދުވަސްވަރަކީ އިސްލާމް ދީނުގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް މީސްތަކުންނާއި ހަމައަށް ހިދާޔަތު ގެންގޮސްދިނުމަށް ހަޔާތުގައި ލިބޭނެ ވަރަށް ބޮޑު އަގުހުރި ރަނުގެ ފުރުސަތެއްކަމަށާއި ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތަކަށް ނަސްރުދޭނެ ސަރުކާރެއް ގާއިމްވެފައި އޮތުންމަކީ އުފަލެއް ކަމަށެވެ.
”މި ދުވަސްވަރަކީ އިސްލާމް ދީނުގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް މީސްތަކުންނާއި ހަމައަށް ހިދާޔަތު ގެންގޮސްދިނުމަށް ހަޔާތުގައި ލިބޭނެ ވަރަށް ބޮޑު އަގުހުރި ރަނުގެ ފުރުސަތެއް، ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތަކަށް ނަސްރުދޭނެ ސަރުކާރެއް ގާއިމްވެފައި އޮތުން،“ ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި، މި ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި އޮންނާނެ ސަރުކާރެއްކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރަމުންދާ އެކި އެކި މަޝްރޫއުތަކަށް އަލިއަޅުވައިލައި ވަޒީރު ވިދާޅުވީ، މި މަޝްރޫޢުތަކަކީ ޒުވާން ޖީލު އިސްލާމް ދީނުގެ ޝިއާރުގެ ކުރީ ސަފަކަށް ގެނައުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ. މި ބައްދަލުމުގައި ވުޒާރާގެ ދީނީ މަސައްކަތްކުރިއަށް ގެންދާނެ ގޮތްތަކާމެދު އިލްމުވެރިންގެ ލަފާ ހޯދާނެ ކަމަށާއި އަދި ޤައުމީ އިސްލާމީ ތަޞައްވުރަކާމެދު މަޝްވަރާކުރާނެކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ.

