ރޭވުންތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ދާނަމަ 2024 ވަނަ އަހަރުގެ ބަޖެޓު 58 ބިލިއަން ރުފިޔާއަށް އިތުރުވާ ސަބަބާއި ބެހޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސުވާލުކުރައްވައިފިއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ މިނިސްޓަރު އަމީރުވަނީ ދިވެހިރާއްޖޭގެ އިގްސާދާއި މާލީ ހާލަތު ގޯސްވަމުންދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ، އަމީރު ވިދާޅުވީ 2024 ވަނަ އަހަރުގެ ބޭސް ލައިން ބަޖެޓަކީވެސް ޑެފެސިޓު ބޮޑު ބަޖެޓެއްކަމަށެވެ. އެހެންކަމުން ސަރުކާރުން މާލީ އިސްލާހުތައް ގެނައުމުގައި ލަސްވުމުގެ ނަތީޖާ ދާދި ފަހުން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތަކުންވެސް އެނގިގެންދާކަމަށް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓު ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ ތެރޭގައި ކަންކަން ކުރިއަށް ދާ ގޮތުން 58 ބިލިއަނަށް އިތުރުވެގެންދިއުމުގެ ފުރުސަތު އޮތްކަމުގެ ވާހަކަތައް މިނިސްޓަރު ޝަފީގް ވަނީ ހާމަކުރައްވާފައިކަމަށް މައުލޫމާތު ދެއްވިއެވެ. އަދި މި ދާ ގޮތަށް ދާންޖެހުނީ ކޮން ސަބަބަކާއި ގުޅިގެންތޯ އޭނާ އެއްސެވިއެވެ.
އަމީރު ވިދާޅުވީ، 2024ގެ ބަޖެޓުގެ ކަންކަން ޕްލޭނާއި އެއްގޮތަށް ދާނަމަ 58 ބިލިއަން ރުފިޔާއަށް އަރައިގެން ނުވާނެކަމަށާއި މިހާރު ފެންނަމުންދަނީ އިސްލާހީ ފިޔަވަޅުތައް ލަސްވުމުގެ ސަބަބުން ފައިނޭންސިންގް ގެޕު ބޮޑުވެ ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވާ ގޮތަށް ޑެފެސިޓްވެސް ބޮޑުވެގެންދާ މަންޒަރުކަމަށެވެ. އަދި މިހާރުން މިހާރަށް ފިޔަވަޅުތައް ނާޅާ ސަބްސިޑީ ރިފޯމް ލަސްކޮށްލިޔަސް 1.8 ބިލިއަން ރުފިޔާ އިތުރަށް ހޯދަންޖެހޭކަމަށް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓުން ހަރަދުތައް ކުޑަނުވާނެކަމަށް މަޖިލީހުގައި ސަރުކާރުންވަނީ ބުނެފައިކަމަށާއި ހަރަދުތައް އިތުރުވެގެންދާނެކަމަށް ލަފާކުރެވުމާއިއެކު ފިނޭންސް މިނިސްޓްރީއިން މާލީ ތަފާސް ހިސާބުތައް އާންމުކުރުން ހުއްޓާލާފައިވާކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، 8 ބިލިއަން ރުފިޔާ އިތުރުވެގެންދަނީ ސަރުކާރުން އިސްލާހުތައް ގެނައުމުގައި ލަސްވުމާއި މި ސަރުކާރުން ކުރުމަށް ކަނޑައެޅިފައިވާ ހަރަދުތަކުގެ އިތުރުން ގިނަ އަދަދެއްގެ މުއައްޒަފުން ނަގާފައިވާތީކަމަށެވެ.

