މި އަހަރު ނިމިގެންދާއިރު އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަންދާޒާކުރެއްވޭކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިގްތިސާދާއި މާލީ ކަންކަން ހުރި ގޮތް ބަޔާންކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދުވަނީ އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަންދާޒާތަކުން ދައްކާކަން ހާމަކުރައްވާފައެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު 4.1 އިންސައްތައިން ކުރިއަރައިގެންދާނެކަމަށެވެ. އަދި 2025 ވަނަ އަހަރުގައިވެސް 6.1 އިންސައްތައިން ކުރިއަރާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ ސަރަހައްދީގޮތުން ބެލިނަމަވެސް ކުޑަކުޑަ ކުރިއެރުމެއް ނޫންކަމަށެވެ. އެހެންނަމަވެސް ސަރުކާރާއި ހަވާލުވިއިރު މީގެ ކުރިން މާލީ ނިޒާމު މެނޭޖުކުރުމުގައި ދޯހަޅި ސިޔާސަތުތަކެއް ގެންގުޅެފައިވާކަމަށްވުމުން ވޭތުވެދިޔަ 9 މަސް ދުވަހުވެސް މި ސަރުކާރުން ދިޔައީ އެކަމުގެ ނަތީޖާ ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުވެސް ވަރަށް ހާއްސަކަމެއް ދެއްވައިގެން ކޮންމެ އާދިއްތަ ދުވަހަކު ކެބިނެޓް ބައްދަލުވުން ބާއްވައި އިކޮނޮމިކް ކައުންސިލުންވެސް މަސައްކަތްތައް ކުރަމުން އައިސްފައިވަނީ ރައީސްގެ އިރުޝާދާއިއެކު އެ އަމާޒު ހާސިލުކުރުމަށްކަމަށެވެ. ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރުގެ މިޑްޓާމް ފިސްކަލް ރިޕޯޓު އެކުލަވާލާފައިވާކަމަށާއި އެކަން ކޮށްފައިވަނީ ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށްވާއިރު މި ފަހަރު ނޫނީ ދިވެހިރާއްޖޭގެ ބަޖެޓުން އިގްތިސާދު ފުޅާކުރުމަށް މަސައްކަތްތައް ހިމެނިފައިނުވާކަމަށެވެ.

