ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ބޮޑު އަނދަވަޅަކަށް ކޮވިޑު-19 ގެ ދުވަސް ވަރު ނުދިޔައީ ޑޮލަރުގެ ޑިމާންޑު އޭރު މިހާރާ އަޅާބަލާ ދަށްވުމުންކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.
ކޮވިޑު-19 ގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު މިހާލަށް ނުދިޔައީ ކީއްވެގެން ތޯ އުފައްދާ ސުވާލަށް އަޒާން ވިދާޅުވީ ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ ބޮޑުބައެއް ހަރަދު ކުރާ މައިގަނޑު ތިން ދާއިރާއަކީ ތެޔޮ ގަތުމަށާއި ބޭރުގެ ދަރަނި އަނބުރާ ދެއްކުން އަދި ބޭންކުތަކަށް ދޫކުރަން ކަމަށެވެ.
ރާއްޖެ ވެސް ކުރިމަތިލާން ޖެހުނު އެ ބަލިމަޑުކަމުގެ ތެރޭގައި، މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް އައިސް އޮތުމުގެ ސަބަބުން ރާއްޖެއިން ވެސް ތެލަށް ކުރާ ހަރަދު އެތައް ގުނައެއް މަދުވެގެން ދިޔަކަން އަޒާން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ 2020 ގައި ޕެޓްރޯލާއި ޑީސަލް އަދި އޭވިއޭޝަން ގޭހުގެ އިމްޕޯޓަށް ހަރަދުވެފައި ވަނީ ޖުމްލަ 3.8 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ޖެހިގެން އައި އަހަރު ހަރަދު 06 ބިލިއަނަށް އަރައި 2022 ވަނަ އަހަރު އޭގެ ދެގުނަ ހޭދަކުރިކަމަށް އަޒާން ވިދާޅުވި އެވެ.
މިއާއި އެކު 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކަނި ވެސް ކުރި ހަރަދު ހުރީ، 6.1 ބިލިއަންގައިކަމަށް އަޒާން ވިދާޅުވި އެވެ. އެހެންކަމުން ކޮވިޑުގެ ދަތީގެ ތެރޭގައި ތެލަށް ކުރި ހަރަދު ހުންނާނީ އެހެން އަހަރުތަކާއި ބަލައި ދަށުގައިކަމަށް އަޒާން ވިދާޅުވި އެވެ.
ދައުލަތުން ލޯނުތައް އަނބުރާ ދެއްކުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު އަޒާން ވިދާޅުވިގޮތުގައި، ކޮވިޑު-19 ގެ ސަބަބުން ގިނަ ލޯނުތަކެއް އަނބުރާ ދެއްކުން ފަސް ކުރި އެވެ. އަދި އޭގެ ފަހުން ވެސް އެމްޑީޕީގެ ސަރުކާރުން އިތުރު ލޯނުތައް ނަގަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ނިސްބަތް އުފުލިގެން ދިޔަކަމަށް އަޒާން ވިދާޅުވި އެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖެ އަނބުރާ ދައްކަން ޖެހޭ ލޯނުތަކުގެ ތެރެއިން ޖޫން މަހު 56 މިލިއަން ޑޮލަރު އަދި ޖުލައި މަހު 48 މިލިއަން ޑޮލަރު ދައްކާފައިވާކަމަށް އަޒާން ވިދާޅުވި އެވެ. އަދި މި ހިނގާ އޮގަސްޓު މަހު ދައްކަން ޖެހޭ 54 މިލިއަން ޑޮލަރާއި ސެޕްޓެމްބަރު މަހު 64 މިލިއަން ޑޮލަރު އަދި އޮކްޓޯބަރު މަހު 68 މިލިއަން ޑޮލަރާއި ނޮވެމްބަރު މަހު 19 މިލިއަން ޑޮލަރު ދައްކަން ޖެހޭކަން އަޒާން ފާހަގަކުރެއްވި އެވެ. މީގެއިތުރުން އަހަރު ނިމޭއިރު ވެސް 57 މިލިއަން ދައްކަން ޖެހޭކަމަށް އަޒާން ވިދާޅުވި އެވެ.
ބޭންކުން ޑޮލަރު ދޫކުރުމާއި ގުޅޭގޮތުން އަޒާން ވިދާޅުވީ ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނާއި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ދާ މީހުން އަދި ވިޔަފާރިތަކުން އިމްޕޯޓަށް ބޭޏުންވާ ޑޮލަރު ދޫކުރާނީ ބޭންކުތަކަށް އެމްއެމްއޭއަށް ވިއްކާ ޑޮލަރުން ކަމަށެވެ.
ކޮވިޑުގެ ދުވަސްވަރު ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންނާއި، ބޭރުގައި ދިރިއުޅެމުން ދިޔަ ގިނަ އާއިލާތައް އެނބުރި ގައުމަށްއައިއިރު ބޯޑަރު ބަންފައި އޮތުމުން އިމްޕޯޓު ދަށްދަށްވިކަމަށް އަޒާން ވިދާޅުވި އެވެ.
އޭރާއި މިހާރުގެ ހާލަތުގެ ތަފާތަކީ އަޒާން ވިދާޅުވި ގޮތުން، ޑޮލަރަށް އޮތް ޑިމާންޑަށް އައި ބަދަލެވެ. އެކަމަކު އެއާއި އެއްވަރަށް ކޭޓަރ ކުރުމަށް ދަތިވީ ނަމަވެސް، ޓީޖީއެސްޓީ ނަގާ މިންވަރު އިތުރު ކުރުން ނޫނީ އިތުރު އެއްވެސް ފިޔަވަޅެއް އެޅިފައި ނެތްކަމަށް އަޒާން ވިދާޅުވި އެވެ.

