ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ގެނެސް އިންކަމް ޓެކްސްއާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ކެބިނެޓުން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައި ވަނީ، ކެބިނެޓު ބައްދަލުވުމުގައި ކުރި މަޝްވަރާތަކަށް ފަހު ނިންމި މުހިންމު ނިންމުންތަކެވެ. އެގޮތުން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ހިމެނޭކަމަށާއި ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނެސް އިންކަމް ޓެކްސްގެ ގާނޫނަށް ބަދަލު ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް އުޝާމް ފާހަގަކުރި އެވެ. އުޝާމް ވިދާޅުވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތެރެއިން ގެންނަ އިސްލާހީ ބަދަލުތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އުޝާމް ވިދާޅުވީ ސަރުކާރުން މިހާރުން މިހާރަށް ގެންނަން ވިސްނާ ބަދަލުތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. އަދި ޑޮލަރުން މިސާރަ ދޭ ފަރާތްތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަން ޖެހޭ ފައިސާގެ ގޮތުގައި ހަމަޖެއްސުމާއި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކަސްޓަމްސް ޑިއުޓީ ދައްކާއިރު ޑޮލަރުން އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނައުން ވެސް ނިންމުންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މި ތަފްސީލުތައް މި ހަފްތާ ނުވަތަ ކުރިޔަށް އޮތް ހަފްތާގައި ހާމަކޮށް ތަފްސީލުތައް ދެއްވާނެކަމަށް އުޝާމް ވިދާޅުވި އެވެ.
މީގެ އިތުރުން ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ހައްލު ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާކަންކަމަށް ގެނެވެންހުރި ހައްލުތަކާއި މެދު މަރުކަޒީ ބޭންކާއި އެކު މަސައްކަތްތަކެއް ކުރަމުންދާކަން މި ބައްދަލުކުރެއްވުމުގައި ވަޒީރުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް ފުޅާ ކުރުމަށް އަޅަމުން ދާ ފިޔަވަޅުތައް ހާމަކުރައްވާފަ އެވެ. އަދި ކުރިޔަށް އޮތްތަނުގައި ކުރާނެ މަސައްކަތްތަކަށް އަލިއަޅުވާލެއްވި އެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާ ކުރެވޭ މިންވަރުގެ ތަފްސީލު ދެއްވައި ސައީދު ވަނީ އަހަރު ނިމޭއިރު އިގްތިސާދީ ގޮތުން ހުރި ދަތިތައް ހައްލުވެ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ވެސް ކުރިއެރުންތައް ލިބޭނެކަމަށް ވިދާޅުވެފަ އެވެ.

