ރައީސް ޔާމީން ކިތަންމެ ކަންބޮޑުވީ ނަމަވެސް މިއަދު ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރަކީ އިބްރާހީމް ފައިސަލް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އެއްގައި އަބްދުއްރަހީމް ވިދާޅުވީ މުޅި ސަރުކާރުގައި އޮތީ އެމަނިކުފާނުގެ އާއިލާކަމަށް ބުނާތީ އުފާކުރައްވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ އާއިލާ ސަރުކާރުގައި އޮންނާނެ ކަމަށާއި އެކަމާއި އެއްވެސް ދެކޮޅުވެރިކަމެއް ނޯންނަވާނެ ކަމަށެވެ. މި ސަރުކާރަކީ އެމަނިކުފާނުމެންގެ ބުރަ މަސައްކަތުން ގެނެއި ސަރުކާރެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގައި އާއިލާގެ މީހުން ތިއްބެވި ނަމަވެސް އެއީ ކިޔަވައިގެން ތިބޭ މީހުން ކަމަށާއި ތަންދޮރު ދަންނަ މީހުންކަމަށެވެ.
”އަޅުގަނޑުގެ ދަރިންވެސް ތިބޭނެ، އަޅުގަނޑުގެ އެއްބަފާ މީހުންވެސް ތިބޭނެ، އަޅުގަނޑުގެ އާއިލާއަށް ނިސްބަތްވާ މީހުންވެސް ތިބޭނެ. އެއީ އެއް ގޮތަކަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އާއިލީވެރިަކަމެއް ކުރުމަށްޓަކައި ކޮށްފައި އޮތް ކަމެއް ކަމަކަށް. އެއީ ގަވާއިދާ، އުސޫލުގެ ތެރެއިން އިލްމީ ގާބިލު މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެން ވަޒީފާ ދެއްވާފަ އެހުރީ“
އަބްދުރަހީމް ވިދާޅުވީ އެމްނިކުފާނަކީ ޕީއެންސީގެ ވެރިކަން އައި އިރު ޕާޓީގެ ރައީސް ކަމަށެވެ. އެހެންނަމަވެސް ވެރިކަން އައުމާއެކު ޕާޓީގެ ގަވާއިދަށް ބަދަލުތަކެއް ގެނައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޕާޓީ ވެރިކަމުގައި އޮންނަ އިރު، ރައީސުލްޖުމްހޫރިއްޔާ ނޫން އިތުރު ބޭފުޅަކު ޕާޓީގެ އިސް މީހަކަށް ހުންނަވައިގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މެމްބަރުންގެ މަޖިލީހަށް ހުށައަޅައިގެން ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ތަކެއް ގެނެސްފައިވާ ކަމަށާއި އަދި ޕާޓީގެ ސަރުކާރެއް އޮންނަ އިރު ޕާޓީގެ ރައީސް އަކަށް ހުންނަވާނީ ގައުމުގެ ރައީސް ކަމަށެވެ. އަދި އެހެންކަން ވުމާއެކު އޭރެއްގެ ރައީސްއަކަށް ހުންނަވާ މެމްބަރަކު ވާނީ ޗެއާޕާސަން އަކަށް ކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީގައި އިސްކޮށް ހުންނަވާ ދެބޭފުޅުންނަށް ތިއްބަވަނީ އެމްނިކުފާނާއި ރައިސް މުއިއްޒު ކަމަށެވެ. އެހެންކަމުން އަބްދުއްރަހީމްއަށް ފެންނަ ލަފަޔާ އިރުޝާދުތައް ރައީސްއަށް އަރުއްވާނެ ކަމަށް ވިދާޅުވިއެވެ.
”އެންމެ ބާރަށް ދައްކާ ވާހަކައަކީ ޓުއަރިޒަމް މިނިސްޓަރު ކަމަށް އަޅުގަނޑުގެ ދަރިފުޅު ފައިސަލް ހުންނަވާ ކަމަށް. އަޅުގަނޑަށް ފާހަގަކުރެވުނީ ދަރިފުޅު ފައިސަލްއަށް ޓުއަރިޒަމް މިނިސްޓަރުކަން ކުރެވޭނެ ކަމަށް. އެހެންވެއްޖެ ނަމަ އަޅުގަނޑު ޑރ. މުއިއްޒަށް ދަންނަވާފާނެހަމަ އަޅުގަނޑަށް ފެނެޔޭ ފައިސަލަށް ޓުއަރިޒަމް މިނިސްޓަރުކަން ދޭން. އެކަމަކު ދެއްވާނި ރައީސް ޑރ. މުއިއްޒަށް އެ ޔަގީންކަން އޮތީމައޭ. އެ އިތުބާރުއޮތީމަ ދެއްވާނީ“
ރައީސް ޔާމީނާއި މަލީހުމެން ކިތަންމެ ކަންބޮޑުވިޔަސް މިއަދުގެ ޓުއަރިޒަމް މިނިސްޓަރަކީ ފައިސަލް ކަމަށާއި އަދި އެ ހަގީގަތް ބަދަލު ނުވާނޭ ކަމަށާއި އެކަން ބަދަލުވާނީ ޑރ. މުއިއްޒު ބޭނުންފުޅުވީމަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގައި އާއިލާމީހުން ތިއްބަވާނެ ކަމަށާއި އަދި އެހީ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުގައި ތިއްބަވާނީ ގާބިލް ކިޔަވައިގެން ތިއްބަވާ ބޭފުޅުން ކަމަށެވެ.

