ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެބިނެޓުން އަދީބު އެންމެ ރުޅި އައި ވަޒީރަކީ ރައީސް މުއިއްޒު، ގުޅުމެއް އޮންނަން ޖެހޭ ސަބަބެއް ނެތް: އަބްދުއްރަހީމް

ޕީއެންސީ ހަރުގެ ޖަލްސާއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރައީސްއާ ސަލާން ކުރައްވަނީ -- ފޮޓޯ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ގާތް ގުޅުމެއް ބޭއްވިކަމަށް ކުރާ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

ސަރުކާރާއި ދުރުވެ އައު ސިޔާސީ ޕާޓީއެއް އުފައްދަވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފް ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ފަހަކަށް އައިސް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައީސް މުއިއްޒު ނެންގެވިކަމަށާއި، އަދީބާއި އެކު ގާތް ގުޅުމެއް ބޭއްވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވްއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހައްދަވަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

ރައީސް މުއިއްޒާއި އަދީބާއި ގުޅުން އޮންނަކަމަށް ތުހުމަތު ކުރާއިރު އަބްދުއްރަހީމް ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ފެށިގެން ނައިބު ރައީސަކަށް ހުންނެވިއިރު ވެސް އަދީބު އެންމެ ހިތްހަމަނުޖެހި ރުޅި އަންނަ ބޭފުޅަކީ ރައީސް މުއިއްޒު ކަމަށެވެ. އަދި އެކަން ސަރުކާރުގެ މަގާމުތަކާއި، ކެބިނެޓު ހުރިހާ ވަޒީރުން ހިމެނޭ ގޮތަށް ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންކަމުން މިވީ އަށް އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މަންފާ ލިބުނު މީހުންކަމަށް ބުނެ އެތައް ލިސްޓެއް އާންމުވެގެން ދިޔައިރު ވެސް އެއްވެސް ލިސްޓެއްގައި ރައީސް މުއިއްޒުގެ ނަމެއް ނޯންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭރު އާންމުވި ލިސްޓަށް އެތައް ބައެއްގެ ނަންތައް އިތުރުވެ، އުނިވަމުން ދިޔައިރު ތިންސަތޭކައެއްހާ މީހުންނަށް މަންފާވިކަމަށް ބުނާ އެ ހިޔާނާތުގައި ދުވަހަކު ވެސް ރައީސްގެ ނަމެއް އައިސްފައި ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު އަދީބު އަތުން ފައިސާ ނެންގެވިކަމަށް ބުނާ ވާހަކަ ދެކޮޅު ނުޖެހޭކަމަށެވެ.

އޭރުގެ ރައީސް ޔާމީންގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އަދި ފަހުން އެމަނިކުފާނުގެ ނައިބު ރައީސް އަދީބު އޭރުގެ ކެބިނެޓުގެ ތެރެއިން އެންމެ ރުޅި އަންނަ މީހަކު ނަގަންޏާ އެ މީހަކީ ރައީސް މުއިއްޒު… އޭރުގެ ހައުސިން މިނިސްޓަރ… މިކަން ގަބޫލު ކުރައްވާނެ އޭރު ކެބިނެޓުގައި ތިއްބެވި ބޭފުޅުން ވެސް އަދި މިކަން އެނގޭ ހިސާބުގައި މަސައްކަތް ކުރި އެންމެނަށް ވެސް

ރައީސް ޔާމީންގެ ފަރާތުން އައި މި ތުހުމަތުތަކަށް ރައްދު ދީ އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އޭރު ސަރުކާރުގައި އޮތް އެމްޑީޕީ ވެސް އެފަދަ ވާހަކައެއް ދައްކާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނުގެ ނަން އެހެން ކިރިޔާ ވެސް ލިސްޓެއްގައި އޮތް ނަމަ އެ ވާހަކަ ނުގޮވައި އެމްޑީޕީ މަޑަކުން ނޯންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓަށް ވީތީ، އަގުވައްޓާލުމުގެ ނިޔަތުގައި ވެސް އެމްޑީޕީ އެފަދަ ވާހަކައެއް ދައްކާފައި ނެތީ ރައީސް މުއިއްޒަށް އެ ފައިސާއާއި ގުޅުވޭނެ އެއްވެސް ގޮތެއް ނެތުމުންކަމަށެވެ.

ރައީސް ޔާމީން މިއަދު ހިޔާނާތުގެ ފައިސާގެ މައްސަލަ ބަލަން ގޮވާލެއްވިއިރު އެމަނިކުފާނުގެ ސަރުކާރުގައި ވެސް އެފަދަ އެއްވެސް ވާހަކައެއް ދެކެވިފައި ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނޭ.. އަދީބާއި ރައީސް މުއިއްޒަކީ އެއްވެސް ގުޅުމެއް، ގާތް ގުޅުމެއް އޮތް ބައެއް ނޫން…

އަބްދުއްރަހީމް ވިދާޅުވީ އަދީބާއި އެހެން މެމްބަރުން ދެމެދު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރެއްވި ބޭފުޅަކީ ރައީސް ޔާމީންކަމަށާއި އެކަން އޭރުގެ މަޖިލިލިސް މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އަދީބަކީ އެމަނިކުފާނުގެ ފަރާތުން ކަންކަމުގައި މަޝްވަރާކޮށް އެންގުންތައް އެންގުމުގެ މެދުވެރިޔާކަމަށް އިރުޝާދު ދިނީ ރައީސް ޔާމިންކަމަށާއި އެމަނިކުފާނުގެ ލަފާތަކާއި އެކު މަޖިލީހުގެ މެމްބަރުންނަށް އިރުޝާދު ދެއްވަމުން ދިޔައީ އަދީބުކަމަށް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: