ރިޔާސީ ލޯންޗުކޮޅު ”ފިނިފެންމާ“ ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވައިލި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޅުއްވި ޑްރާމާއެއްހެން ހީވާ ލެވެލްއަށް އެމަނިކުފާނުގެ ވާހަކަ ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
2015 ވަނަ އަހަރު އެމަނިކުފާނު ހައްޖަށް ވަޑައިގަތުމަށްފަހު މާލެ އަނބުރާއައި ހިނދު ފިނިފެންމާ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލައިގައި ތުހުމަތު ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. އެ ހަމަލާގައި ރައީސް ޔާމިންގެ އަނބިކަނބަލުން މެޑަމް ފާތުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
މި މައްސަލައިގައި އަދީބުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ މުއްދަތުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެ ހުކުމް ވަނީ 2019، މޭއި 20 ގައި ބާތިލުކޮށްފަ އެވެ.
ފިނިފެންމާ ލޯންޗުގެ މައްސަލައިގެ ތަހުގީގީ އުސޫލުތަކާ ހިލާފަށް ހެކި ނެގި ކަމަށް ބުނެ މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމެއް ވެސް ކުރި އެވެ. މިހާރު މިނިވަންވެ ހުންނެވި، ޕާޕާ މިވަގުތު ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވައި ދަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
ރައީސް ޔާމީން ފަހަކަށް އައިސް ޕީއެންއެފްގެ ޖަލްސާތަކުގައި ކުރައްވާ ތުހުމަތުގެ ރައްދުގައި އަބްދުއްރަހީމް ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ އެމަނިކުފާނަށް އެހެން މީހަކު ވެރިކަން ކުރާ މަންޒަރު ބަލަން ކެތް ނުކުރެވުން ކަމަށެވެ. އަދި ރައީސް ޔާމީނަކީ ބޮޑާކަމާއި ކިބުރުވެރިކަމުން ފުރިގެންވާ ބޭފުޅެއްކަމަށް ސިފަ ކުރެއްވި އެވެ.
އެއްވެސް ހަގީގަތެއް އަސްލެއް ނެތް ވާހަކަތައް ރައީސް ޔާމީން ފަތުރަމުން ގެންދާތީ، އެމަނިކުފާނުގެ އަސްލު ސިފަ މިހާރު ރައްޔިތުންނަށް ސާފުކޮށް ފެންނަން ފަށާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ބޮޑެތި އެތައް ހާދިސާއެއްގެ ތެރޭގައި ހިމެނޭ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައަކީ ކުޅުނު ޑްރާމާއެއްތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.
މިހާރު ބައެއް ފަހަރު އެބަ ހީވޭ، އަޅުގަނޑަށް މިހާރު ހަމަ ދަންނަވަން ކެރިދާނެ… ފިނިފެންމާ ލޯންޗުކޮޅު ގޮވުން މިއީ ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާއޭ.. އެހިސާބަށް ޔާމީންގެ ވާހަކަ ހިނގައްޖެ.. އަޅުގަނޑުމެން އެންމެންގެ ގާތު ޔާމީން ބުނީ ލޯންޗު ގޮއްވާލީމާ ތިމަންނައަށް ބޭރަށް ނިކުމެވުނީމާ.. ބޮޑު ފަލަމާ ދިމާލުގައި އެތާ ހުއްޓޭ ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް.. ތިމަންނައަށް ވަގުތުން އެނގުނޭ އޭނަކަން އެކަން ކުރީ..އޭނާ އެ އަމާޒު ކުރަނީ ޔާމީންގެ ކައިރީ އެހެރި ޕާޕާއަށް..
އަބްދުއްރަހީމް ވިދާޅުވީ ހުސެއިން ވަހީދު މިއަދު ރައީސް ޔާމީނާއި ޖެހިގެން ހުންނަވައި ވާހަކަ ދައްކާއިރު އެމަނިކުފާނުގެ ވެރިކަމުގެ ހަ މަސް ދުވަސް ވަންދެން އިންޓެލިޖެންސް ރިޕޯޓު ފޯރުކޮށްދީފައި ނެތްކަމަށެވެ. އެންމެ އަރިހުގައި އެންމެ އިތުބާރު ކުރެވޭ މީހަކަށް ހުސެއިން ވަހީދު ހުންނެވުމުން ފިނިފެންމާ ލޯންޗުގެ ހާދިސާއަށް ސުވާލު އުފެދޭނެ ހުރިހާ ފުރުސަތެއް އެބައޮތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާ ހިނގައިގެން ތަހުގީގުތައް ކުރިޔަށް ދިޔައިރު އެފަދަ ޝައްކެއް ނުވަތަ ހީއެއް ކުރެވުނުތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އޭރު އެކަން ނޭނގުނީ މިހާރުގެ މަންޒަރާއި ތަފާތުވުމުން ކަމަށެވެ. އަދި އެބޭފުޅުން އިތުބާރު ކުރީ ރައީސް ޔާމީން ދެއްކެވި ވާހަކައަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކަމަކު ރައީސް ޔާމީން އެ ދުވަހު އަމަލު ކުރެއްވި ގޮތާއި، މިއަދުގެ ވާހަކަ ހުރި ގޮތް ގުޅުވާލުމުން މަންޒަރު އޮތީ ފެންނަން ކަމަށެވެ.

