ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލިއާގެއަށް މަޖިލިސް މެމްބަރުން އެއްކުރައްވައި ޕެނަޑޯލް ޕެކް ކުރުވަން ޖެއްސި ނަމަވެސް މި ސަރުކާރުން އެގޮތަށް އަމަލު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް 2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނު އެއް ސަބަބަކީ، އޭރު މުލިއާގޭގައި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ތަފާތު އެކި މަސައްކަތް ކުރަައްވަމުން ގެންދިއުންކަމަށް ޕާޓީގެ ތެރޭގައި ވެސް ވާހަކަ ދެކެވެ އެވެ. މެޑަމް ފާތުން ސަރުކާރުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، އަމިއްލަ އެކި ހަރަކާތްތައް ހިންގެވުމުގެ އިތުރުން މުލިއާގޭގައި ޕެނަޑޯލްއާއި ޗޮކްލެޓު ބަންދު ކުރައްވާފައި ވެއެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ފަސް އަހަރު ހިނގި ކަންތަކާއި ގުޅޭގޮތުން އަބްދުއްރަހީމް ވާހަކަ ދެއްކެވީ ރައީސް ޔާމީން ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ. މުލިއާގޭގައި މަޖިލިސް މެމްބަރުންނަށް ފައިސާ ބަހަމުން ގެންދާކަމަށާއި އަދި އެތަނުގައި މެޑަމް ސާޖިދާ ވެސް އެކި ސިޔާސީ މަސައްކަތް ކުރައްވާކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވަ އެވެ.
މަޖިލިސް މެމްބަރުންނަށް މަހަކު 50،000 ރުފިޔާ ދޭކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ހުރިހާ ވެރިން ހިނގަން ޖެހޭނީ ރައީސް ޔާމީން ހިންގެވި މަގަކުން ނޫންކަމަށެވެ. އަދި ރައީސް ޔާމީން މުލިއާގެއަށް މެމްބަރުން ގެންދަވައި އެކި ނުފޫޒު ފޯރުވި ނަމަވެސް ރައީސް މުއިއްޒަކީ ރިޝްވަތުގެ ފައިސާ ބަހާނެ ވެރިއެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވ އެވެ.
ނުވަ މަސް ވެގެން މިދިޔައީ، ފެނުނުތޯ ތިބޭފުޅުންނަށް އެއްވެސް ތާކުން ސާޖިދާ ނިކުމެވަޑައިގެން މުލިއާގޭގައި ރައްޔިތުންގެ މަޖިލިސް މެމްބަރުން ގޮވައިގެން ޕެނަޑޯލް ބަންދު ކުރައްވަން ހުންނަވަނިކޮށް.. ނުފެންނާނެ..
އަބްދުއްރަހީމް ވިދާޅުވީ މުލިއާގޭގައި ޗޮކްލެޓު ބަންދުކޮށް، ޕެނަޑޯލް ބަންދު ކުރުމުގައި މެޑަމް ފާތުން އުޅުއްވި ނަމަވެސް ރައީސް މުއިއްޒުގެ އަނބިކަބަލުން އެހެން ނޫޅުއްވާނެ ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މުލިއާގޭގައި ޖެހިހާ ސަކަރާތް މި ސަރުކާރުގެ ވެރިންނާއި އެހެން ބޭފުޅުން ތަރުހީބުދީ ހަމަ އެ މަގުން ހިނގަން ބޭނުން ނުވާކަމަށެވެ.

