ދިވެހިރާއްޖޭގެ އިގްތިސާދާއި މާލީ ރޭޓިންގް އަނެއްކާވެސް ދަށްވެދާނެކަމަށް ސަރުކާރުން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ހީވާކަމަށް ކުރީގެ އިގްތިސާދީ ވަޒީރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީތަކުން ދިވެހިރާއްޖޭގެ އިގްތިސާދާއި މާލި ހާލަތު ދަށްވެފައިވާކަމަށް މީގެ ކުރިން ރޭޓުކޮށްފައިވާކަމަށް މިހާރުގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުވަނީ ޕީއެންސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފާހަގަކޮށްފައެވެ. އެ ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވައި ފައްޔާޒް ވަނީ ދިވެހިރާއްޖޭގެ އިގްތިސާދު އިތުރަށް ހީނަރުވެގެންދަނީތޯ ސުވާލު އުފައްދަވާފައެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސައީދުގެ ވާހަކަތަކަކީ ރޭޓިންގް ދަށްވުމުގެ ފެހި ސިގްނަލްއެއް ލިބިގެން ދައްކަވާ ވާހަކަތަކެއްކަމަށް ހީވާކަމަށެވެ. އަދި ސަރުކާރުން އުޅެނީ ޒިންމާއިން ރެކުމަށްކަމަށް އިޝާރާތްކުރެއްވިއިރު ފައްޔާޒްވަނީ އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ހުރި ބަޔަކާއި އަވަހަށް ގައުމު ހަވާލުކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ، ސަރުކާރުންދަނީ އަމިއްލަ ނުކުޅެދުންތެރިކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބޮލަށް ޖަހަމުންކަމަށެވެ. އެހެންނަމަވެސް އެ ލަވައިގައި ރައްޔިތުން ޖައްސައިގެން ކިހާ ދުވަހަކު ތިބެވޭނެތޯ ސުވާލުކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ ވެރިންވަނީ ގައުމީ ބެންކުން ބަގާވާތެއްގައި ބައިވެރިވެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރިކަމަށް ސަރުކާރުގެ އިސްވެރިން ތުހުމަތުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީވެސް ދިވެހިރާއްޖެ ދުނިޔޭގެ މާލީ މިންގަނޑުތަކާއި އެއްހަމަ ކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުން ބައެއްތޯވެސް ސުވާލު އުފެއްދިއިރު އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ރޭޓިންގް ދަށްވުމަށް ދިމާވާނެ ސަބަބަކަށްވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.

