މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް ފަށާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށްޓަކައި އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހާއްސަ އިންސްޕެކްޝަން ހަރަކާތުގައި 211 އޮފިސަރުން ބައިވެރިވެއެވެ. އަދި 52 ގުރޫޕަކަށް ބަހާލައިގެން ހަރަކާތްތެރިވާނެކަމަށް ބުނެފައިވާއިރު މާލެ ސަރަހައްދު 26 ޒޯނަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ހާމަކޮށްފައިވެއެވެ.
މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގުމުގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވުންކަމަށެވެ. އަދި މި ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

