ކ. ތިލަފުށީގައި ތަރައްގީ ކުރުމަށް ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކުމަށް ފަހު ސްލޯޕިންގެ މަސައްކަތް ކުރަމުން ދާތީ އެ ސަރަހައްދުގެ ފަޅުތެރެއިން އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގައިފި އެވެ.
އެޗްޑީސީ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ތިލަފުށި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބުދަ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެދޭކަމަށެވެ. އަދި އެ މުއްދަތުގައި އުޅަނދުތައް ނަގާފައި ނުވާނަމަ ކ. ގުޅިފަޅު ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުފަހަރުތަކާއި ތަކެއްޗާއި މެދު އަމަލު ކުރުމުގެ އުސޫލުގެ ދަށުން އެ އުޅަނދުތަކާއި މެދު އަމަލު ކުރާނެކަމަށް ބަޔާނުގައި ވެއެވެ
މައްސަލައިގައި އިތުރުކަމެއް ސާފު ކުރުމަށް ބޭނުވްވާނަމަ، ހޮޓްލައިނަށް ގުޅައިގެން އެކަން އޮޅުންފިލުވުމަށް އެޗްޑީސީ އެދުނެވެ. އަދި ބުނެފައި ވަނީ ތިލަފުށި ހިއްކައި ތަރައްގީ ކުރުމަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރަމުން ގެންދާ މަޝްރޫއުއެއް ކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

