ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރާ އިސްރަށްވެހިންގެ މަރުކަޒުގެ އިންޓީރިއާ ޑިޒައިންކުރުމުގެ ފުރުސަތު ވިލާ ކޮލެޖުގެ ދަރިވަރުންނަށް ދީފިއެވެ.
ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެ މަޝްރޫއުގައި ވިލާ ކޮލެޖުގެ ދަރިވަރުންނަށް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެގޮތުން އިންޓީރިއާ އާކިޓެކްޗާއާ ހިސާބަށް ދިޔުމުން ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
“ މި އިމާރާތުގައި ތިކުދިންގެ އެހީގައި އެތަން ޑިޒައިން ކުރުމަކީ އަޅުގަނޑު މި ފުރުސަތުގައި ތި ބޭފުޅުންނަށް ހުޅުވާލާ ހުޅުވާލުމެއް. އެހެންވީމާ މި ފުރުސަތު އެޗްޑީސީގެ ފަރާތުން ހަދިޔާކުރަން. “ ފަޒުލް ވިދާޅުވިއެވެ.
ވިލާ ކޮލެޖުގައި ބޭއްވި މައުރަޒުގައި އެ ކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއިން ހިންގާ އިންޓީރިއާ އާކިޓެކްޗާ ޑިގްރީ ޕްރޮގްރާމުގެ ދަރިވަރުންގެ 30 ޕްރޮޖެކްޓެއްވަނީ ދައްކައިލާފައެވެ. އޭގެތެރޭގައި އެ ކޮލެޖްގެ ފުރަތަމަ އަހަރު ކިޔަވަމުންދާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ހުށައެޅުންތައް ހިމެނެއެވެ.

