މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ޙަތީބުންގެ ލިސްޓު އަންނަ ހަފުތާގައި މުރާޖާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝައިލް އަލީ ޒައިދު ބައެއް ޙަތީބުން ޙުތުބާ ވިދާޅުވާއިރު ކުށް ހުންނަ ކަމަށް ބުނެ ސޯސަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކުރެއްވުމުން އެކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، މާލެ ސަރަހައްދުގައި ޙުތުބާ ކިޔައި މީހުންގެ ލިސްޓު އަންނަ ހަފްތާގައި މުރާޖާ ކުރަން ނިންމައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމުގައި ޢިލްމީ، ޤާބިލު އަދި ހުނަރުވެރި ބޭފުޅުންނަށް ފުރުސަތު ދިނުމަށް އިސްކަން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޝެއިހް ޒައިދު ފާހަގަ ކުރެއްވި ގޮތުގައި ޙުތުބާ ކިތަންމެ މޮޅަށް ލިޔެފައި އޮތް ނަމަވެސް ކުށްކިޔައި ތިން ހަތަރު ފަހަރު އަލުން ފަށައިގެން ޖުމްލަ ކިޔައި ހެދުމަކީ އަޑުއަހަން ތިބޭ މީހުންގެ ޝައުގުވެރިކަން ގެއްލޭނެ ކަމެކެވެ. އަދި އެއީ ޚުތުބާގެ އަސަރު ކެނޑި ދޭން ބޭނުންވާ މެސެޖު ފެއިލްވާނެ ކަމެއް ކަން ފާހަގަ ކުރައްވައި އޭނަ ވަނީ ޚުތުބާ ފަރިތަކުރުމަށާއި އެ ކަމަށް ޝައުގުވެރިކަން ބަހައްޓައި އެކަށިގެންވާ ތައްޔާރީތައް ވާން ވެސް ޚަތީބުންނަށް ގޮވާލައްވައިފަ އެވެ.
ރީތިކޮށް ޤުރުއާން ކިޔަވައި ޙުތުބާ ކިޔަވައި، ބަންގި ގޮވާ ޒުވާން ޖީލެއް ނެރެން ބޭނުންވާ ކަމަށް މިނިސްޓަރ ކުރިންވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެއީ ރައީސްގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޙާއްސަ މަޝްރޫއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ލިބިގެންދާ ތަރުޙީބަށް އުފާ ކުރާ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.


One Response
މާލޭގައި އެކަނި ކުރާ ކަމެއް ކުރީމަ މުޅިރާއްޖެއަށް ކޮށްދެވުނީ ދޯ