މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ތެރެއިން ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސް ދީފި އެވެ.
އިމިގްރޭޝަނުން އަންނަނީ މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އަންނަނީ ފިޔަަވަޅު އަޅަމުންނެވެ. އެގޮތުން މިހާތަނަށް 3،000 އަށްވުރެ ގިނަ ބިދޭސީއިން ވަނީ ޑީޕޯޓުކޮށްލާފައެވެ.
މީގެ ތެރެއިން މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ވިސާ ފުރިހަމަ ނޫން 273 މީހުން ފާހަގަ ކުރެވިފައިވާއިރު، މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 211 އޮފިސަރުން މަގުތަކަށް ނުކުމިއެވެ. މި އޮޕަރޭޝަންގައި 52 ގުރޫޕެއް ހަދައިގެން އޮފިސަރުން އެ ދުވަހު މަސައްކަތް ކޮށްފައިވެ އެވެ.
މި އޮޕަރޭޝަންގައި މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައިވެ އެވެ.
މި އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސް ދިންއިރު ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވެއެވެ. މި އޮޕަރޭޝާންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭތީ ހައްޔަރު ކުރީ 10 ބިދޭސީއެކެވެ.
ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެހެން ބައެއް މުވައްސަސާތައް ހިމަނައި ޕްރޮގްރާމް ފުޅާކުރީ މިދިޔަ ހުކުރު ދުވަހެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ލަފާދެއްވާފައި ވަނީ މި މައްސަލައިގައި ސަރުކާރާއި ދައުލަތުގެ އެއް ވުޒާރާ އަނެއް ވުޒާރާ ގުޅިގެން އަވަސް ހައްލެއް ހޯދުމަށް ކަމަށެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއިން ހޯދުމުގެ މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއާއި އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އިކޮނޮމިކް މިނިސްޓްރީ ޓާސްކްފޯހުގައި ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެކަން ފާހަގަކޮށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީ ބައިވެރިވެ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.
މި އޮޕަރޭޝަނާއިއެކު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުމަށްޓަކައި އަތޮޅު ތެރެއަށް ދާ މައްސަލަ ބޮޑުވެ އަތޮޅު ތެރެއަށް އޮޕަރޭޝަން ފުޅާކުރުމަށް މިހާރު އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

