ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 10.4 އިންސައްތައް އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ޢާންމުކުރި ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި އޮގަސްޓު 27 ގެ ނިޔަލަށް ރާއްޖެއަށް 1،343،91 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާބަލާއިރު 10.4 އިންސައްތައިގެ އިތުރުވުމެކެވެ. ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު 200،000 ކައިރިވެފައިވާއިރު، އެ ޤައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމަކީ ޗައިނާ ކަމަށް ވާއިރު ލިސްޓުގެ އެންމެ ފަހަތުގައި އޮތީ ސުވިޒުލޭންޑް އެވެ. އަދި ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އަވަށްޓެރި އިންޑިއާ އޮތީ ލިސްޓުގެ 6 ވަނައި ކަން ފާހަގަކޮށްލެވެ އެވެ. އިންޑިއާގެ މާކެޓަކީ ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އިންޑިއާއަކީ މި އަހަރު ފެށުނުއިރު ވެސް ރާއްޖޭގެ އެއްވަނައި ގައި އޮތް މާކެޓެވެ. ނަމަވެސް މިހާރު އިންޑިއާގެ މާކެޓު ދަށްވެފައިވީ ނަމަވެސް، އަމާޒަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނުން ކަމަށް އެމްއެމްޕީއާރުސީވެސް ވަނީ ފާހަގަކުރައްވައިފައެވެ.
މި އަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު:
- ޗައިނާ: 195،689 ފަތުރުވެރިން (14.6 އިންސައްތަ)
- ރަޝިޔާ: 144،950 ފަތުރުވެރިން (10.8 އިންސައްތަ)
- ޔޫކޭ: 116،268 ފަތުރުވެރިން (8.7 އިންސައްތަ)
- އިޓަލީ: 100،367 ފަތުރުވެރިން (7.5 އިންސައްތަ)
- ޖަރުމަނުވިލާތް: 94،978 ފަތުރުވެރިން (7.1 އިންސައްތަ)
- އިންޑިޔާ: 80،365 ފަތުރުވެރިން (6 އިންސައްތަ)
- އެމެރިކާ: 45،920 ފަތުރުވެރިން (3.4 އިންސައްތަ)
- ފަރަންސޭސިވިލާތް: 38،999 ފަތުރުވެރިން (2.9 އިންސައްތަ)
- ސްޕެއިން: 28،780 ފަތުރުވެރިން (2.1 އިންސައްތަ)
- ސުވިޒަލޭންޑު: 25،622 ފަތުރުވެރިން (1.9 އިންސައްތަ)
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނެއުމެވެ. ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އެވަރެޖުކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓީރީން ގިނަ މަސައްކަތް ތަކެއް ކުރުމުން ދެއެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި، 30 އަހަރުވެފައިވާ ރަށްތަށްހުރި ކަމަށް މިނިސްޓަރ ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ނުހެދި ހުރި ރަށްތަކުގެ މައުލޫމާތުވެސް އެއްކުރެވި ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ފަތުރުވެރިކަމަށް 63 ރިސޯޓެއް ނެރެވިފައިނުވާ ކަމަށް އެއްކުރި މައުލޫމާތުން ފާހަގަވެގެން ދިޔަކަމަށް ވަނީ މައުލޫމާތު ހިއްސާ ކުރައްވައި ފައެވެ.
ފަތުރުވެރިކަމަށް ދޫކުރާ ރަށްރަށް ނުހުޅުވި ގިނަ ދުވަސްވުމަކީ އޭގެ ސަބަބުން ފަތުރުވެރިކަމުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުންނަ ކަމެއްކަން މިނިސްޓަރ ފާހަގަކޮށްފައި ވެއެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް އެވުޒާރާއިން ޚާއްޞަ އިސްކަމެއް ދެއްވާއި މި 5 އަހަރުތެރޭ ގިނަ އަދަދެއްގެ ރަށްތައް ފަތުރުވެރިކަމަށް ހުޅުވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުގެ އަމާޒަކީ މިއަހަރުތެރޭ އަލަށް 15 ނޫނީ 12 ރިސޯޓު ހުޅުވުން ކަމަށާއި، މިއާއެކު ރާާއްޖޭގެ ފަތުރުވެރިކަމަށް އިތުރު 2600 އެނދު ނެރުމެވެ.

