ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ދުވަސްވެފައިވާ ވެހިކަލްތައް ނަގާ އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޗްޑީސީއިން ފަށައިފިއެވެ.
އެޗްޑީސީ ބުނީ މި މަސައްކަތް ގުޅިފައި ވަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތާ ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީ ކުރިޔަށް ގެންދާނެ އެވެ.
އެޗްޑީސީ މި މަސައްކަތް ފަށާފައި ވަނީ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެންނެވެ. މީގެ ތެރޭގައި ދަތުރުފަތުރާބެހޭ ވުޒާރާއާއި، ފުލުހުންނާއި، އެމްޕީއެލްގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި ވެމްކޯއިން އަންނަނީ މިކަމުގައި އެޗްޑީސީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް އެޗްޑީސީއިން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަށާފައި މިވަނީ އެ ސަރަޙައްދުގައި މަދިރި އުފެދޭގޮތަށާއި، ގަވާއިދާ ހިލާފަށް ދުވާރު މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް މީގެކުރިން އެންގުމަށްފަހުގައެވެ.

