އިސް ލޯޔަރަކަށް ހުންނަވައިގެން ރައީސް ޔާމީން ޖަލުގައި ބޭއްވީ ވެރިކަން ބޭނުންވެގެން ކަމަށް ވިދާޅުވާން މިއަދު ކެރިވަޑައިގަންނަވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ސަރުކާރު ޕްރޮގްރާމްގައި ރައީސް ޔާމީން މަލީހު އާއި ޖަމީލުއާއިއެކު ސިޔާސީ މަސައްކަތް ކުރައްވަނީ ކީއްވެތޯ ސުވާލު ކުރުމުން މުހައްމަދު ވިދާޅުވީ އެކަމުގައި ދެ މާނާއެއް އެކުލެވޭ ކަމަށެވެ. އެއް މާނަޔަކީ އެމަނިކުފާނަކީ ވަރަށް ހިކުމަތްތެރި ހިޔަޅު ބޭފުޅެއް ކަމަށާއި އަދި ގަސްތުގައި އެކުގައި އެ މަސައްކަތް ކުރައްވާ ބޭފުޅުން ހަލާކުކޮށްލަނީ ކަމަށެވެ.
މުހައްމަދު ފާހަގަކުރެއްވި ގޮތުގައި ދެވަނަ މާނައަކީ އެބޭފުޅުންނަށް އަދި ނުވިސްނުން ކަމަށެވެ. ރައީސް ޔާމީނުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހުންނަވާ ނުވަތަ އިސް ބޭފުޅެއްގެ ގޮތުގައި ހުންވާ ޖަމީލުގެ ހާލަތު ކިޔައިދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
2013 ގައި އުފެދުނު ވެރިކަމަށް ނައިބުރައީސް ކަން ލިބި ގާތް ގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސްނުވެ ވެރިކަމުގެ ހުވަފެން ބަލާފައިވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ. އަދި ޕާލިމަންޓުގެ ތެރޭގައި ޑރ. ޖަމީލަށް ބާޔަތުހިފާ ގުރޫޕެއް އުފެއްދި ކަމަށާއި ވަކި ވަޓްސްއެޕް ގްރޫޕެއް ހަދައިފައިވާ ކަމަށާއި އޭގެތެރޭގައި ރައީސް ޔާމީން ވެރިކަމުން ބޭލޭނެގޮތްތަކަށް މަޝްވަރާކުރި ކަމަށް މުހައްމަދު ވިދާޅުވއިެވެ.
”އެ ބޭފުޅުން ގޮވައިގެން މަސްދަތުރު ދާން ފަށާއިފި. ރިސޯޓުތަކަށް ދާން ފަށާއިފި. މި ކޮންމެ މައުލޫމާތެއް ރައީސް ޔާމީނު ދިޔައީ އެއްކުރަމުން. އެއްކުރަމުން އެއްކުރަމުން ގޮސް ބޮލަށް އުނދަގޫފުޅުވެގެން ކަމެއް ނޭންގެ އަޅުގަނޑުމެންނަށް އެންގީ މީނާގެ ނޯ ކޮންފިޑެންސްއެއް ނަގަން. މީގެ ތެރޭގައި އޭރުގެ ފަހުގެ ނައިބުރައީސް ޓޫރިޒަމް ކަން ކުރެއްވި އަދީބުވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ވަނީ“
ނައިބުރައީސް ކަމަށް ލީފަހުން ރަނގަޅަށް 6 މަސް ނުވަނީސް ވެރިކަން ބޭނުންފުޅުވެގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ އިހުލާސްތެރިކަމާމެދު ސުވާލުއުފެދޭ ކަމަށް މުހައްމަދު ވިދާޅުވިއެވެ. އިސް ލޯޔަރަކަށް ހުންނަވައިގެން ރައީސް ޔާމީން ޖަލުގައި ބޭއްވީ ވެރިކަން ބޭނުންވެގެން ގަސްތުގައި ކަމަށް ވިދާޅުވާން ކެރި ވަޑައިގަންނަވާނެ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ އެހެން ވިދާޅުވާން ޖެހޭ ސަބަބަކީ ރައީސް ޔާމީނަށް ވެރިކަމަށް ލެވޭތޯ ނުވަތަ ނުލެވޭތޯ އެމައްސަލަ ސާފުކުރުމަށް ސުޕްރީމް ކޯޓަށް ލާން އެތައް ދުވަހަކު ވިދާޅުވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓަށް ހައިކޯޓުން ނިންމި ނިންމުން ބާތިލު ކުރުމަށް ސުޕްރީމްކޯޓަށް ލަހުން ހުށައަޅާތީ އެވާހަކަވެސް ވިދާޅުވި ކަމަށް މެމްބަރު ވިދާޅުވިއެވެ.
އިތުރަށް މެމްބަރު ވިދާޅުވީ މުޅި ޕާޓީގެ ލީޑަރޝިޕުންވސް އެވާހަކަ ދެއްކެވި ކަަމަށާއި އަދި ރައީސް ޔާމީން ޖަލުގައި ބޭއްވުމަށް ރައީސް ސޯލިހުއާއި ޖަމީލު މަޝްވަރާ ކުރެއްވި ކަމަށް މައުލޫމާތު ލިބޭކަމަށެވެ.

