ސޯޝަލް މީޑިއާގައި ފުލުހުންގެ ޓޯ ޔާޑެއްގެ ތެރޭގައި ސައިކަލު ތަކެއް އުކާ މަންޒަރު ފެންނަ ވީޑިއޯއަކީ އެއީ ނައްތާލުމަށް ގެނެސްފައިވާ އުޅަނދުތަކެއްގެ ވީޑިއޯއެއްކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ފުލުހުންގެ ޓޯ ޔާޑެއްގެ ތެރޭގައި ސައިކަލު ތަކެއް އުކާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައިވާއިރު އެކަމާއި ގުޅިގެން ތާފާތު ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. ޓޯ ކޮށްފައި ހުންނަ އުޅަނދަށް ގެއްލުން ދޭ ކަމަށް ބުނެ ދައުރު ކުރަމުންދާ ވީޑިއޯ އަކީ ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކެއް ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މޭރީ ބްރައުން ކައިރީގައި އޮންނަ ޓޯ ޔާޑު ތެރެއިން ފެންނަ ވީޑިއޯއަކީ ސެޕްޓެމްބަރ 6 ވަނަ ދުވަހު ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ކަމަށެވެ. އަދި އެ ވެހިކަލް ތަކަކީ ނައްތާލުމަށް ގެނެސްފައިވާ ވެހިކަލް ތަކެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ނައްތާލެވުނު ޖުމްލަ އަދަދުގެ އުޅަނދުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި 2 ފުރޮޅުލީ 247 އުޅަނދާއި، 4 ފުރޮޅުލީ 29 އުޅަނދާއި، 223 ބައިސްކަލާއި އަދި 1 އެއް އެމްބިއުލާންސް ވަނީ ނައްތާލާފައެވެ.
އުޅަނދެއް ޓޯ ކުރުމަށްފަހު ނައްތާލުމުގެ ކުރިން އެ އުޅަނދެއްގެ ވެރި މީހާ ހޯދުމަށް، ނަމްބަރު ބޯޑު އާންމުކޮށް ގެޒެޓުގައި 60 ދުވަހުގެ މުއްދަތެއް ދީ އިއުލާނު ކުރަން ޖެހެ އެވެ.

