އިންޑިއާއިން 300 މެޓްރިކް ޓަނުގެ ކާގޯ ބަރުކޮށްގެން އައްޑޫ ހިތަދޫ ޕޯޓަށް ދަތުރު ކުރަމުންދާ ބޯޓު މި މަހުގެ 11 ވަނަ ދުވަހަށް ބަނދަރު ކުރެވޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޓިޓުކޮރިންއިން 300 މެޓްރިކް ޓަނުގެ ކާގޯ ލޯޑުކޮށްގެން ”އެމްވީ ނިއުމަތު“ ހިތަދޫ ރީޖަނަލް ޕޯޓަށް ދަތުރު ކުރަމުންދާކަމަށް އެމްޕީއެލް ވަނީ މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ. ތަފްސީލު ހިއްސާ ކުރައްވައި އެ ކުންފުނީގެ ސީއީއޯ ވަޖީހު ވިދަޅުވީ ޝެޑިއުލްގެ ދަށުން ބޯޓު ހިތަދޫ ޕޯޓަށް ބަނދަރު ކުރާނީ މި މަހުގެ 11 ގައިކަމަށެވެ.
މި ބޯޓުން ގެންނަ މުދަލުގެ ތެރޭގައި މޭވާ، ތަރުކާރީއާއި ކާގޯގެ އާންމު ބާވަތްތައް ހިމެނެ އެވެ.
މިއީ އިންޑިއާއިން ކާގޯ ބަރުކޮށްގެން ހިތަދޫ ޕޯޓަށް ކުރާ ހަތަރުވަނަ ދަތުރެވެ.
އިންޑިއާއިން މުދާ ހިފައިގެން ސީދާ އައްޑުއަށް ދާއިމީ ބޯޓުފަހަރުތައް ބޭއްވުމަށްޓަކައި އައްޑޫގެ ވިޔަފާރިވެރިންނާއި ވަޖީހު ވަނީ މީގެ ކުރިން މަޝްވަރާ ވެސް ކުރައްވާފަ އެވެ. ވަޖީހު ވިދާޅުވި ގޮތުގައި މި ދަތުރުކުން މޭވާއާއި ތަރުކާރީގެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނެ އެވެ.
އެމްޕީއެލް ލަފާ ކުރާ ގޮތުން ކޮންމެ ބޯޓަކުން ވެސް 300 ޓަނުގެ މުދާ އައްޑުއަށް ގެނެވޭނެ އެވެ.

