ބްރިޖު ހައިވޭއިން ހުޅުމާލެ ދާ، މަގުގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑު ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކާއި ފިރިހެނަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.
މިއީ މިއަދު މާލޭގެ ސަރަހައްދުގައި ހިނގި ދެވަނަ އެކްސިޑެންޓެވެ. މިއަދު ހެނދުނު ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
މި ފަހުން މާލޭގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވެ، ހަރުކަށި ފިޔަވަޅުތައް އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސްކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.
އެކްސިޑެންޓުތައް ހިނގުން މަދު ކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންގަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭސިންއާއި ޑިރްފިޓިންއަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރައްވާފަ އެވެ.

