ރައްޔިތުންގެ ރައްކާތެރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއި އެކު އެމަނިކުފާނަށް އޮތް ތާއިދު އިތުރުވެގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ދަޢުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އެންގެވުމާއި ގުޅިގެން ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުއްވަމުން ގެންދަވާ ހަލުވި ފިޔަވަޅުތަކަކީ ލަސްކުރުމެއްނެތި އަޅުއްވަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެފަދަ ނިންމެވުމުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށާއި ރައީސް އާއި މެދު ރައްޔިތުން ކުރާ އިތުބާރާއި ތާއިދު ބޮޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އެ އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ވަނީ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ. އަދި ހަމައެއާއެކު މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެން ހަރުދަނާކުރުމަށްވެސް އެމަނިކުފާނު ވަނީ އަންގައިފަ އެވެ. އަދި އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް، އެފަދަ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށް ޤާނޫނު އާއި ޤަވާއިދު ތަކަށް އިސްލާހު ކުރުމަށް ވަނީ އަންގައިފައެވެ.

