ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ސަރުކާރުން ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ލުއި ނޫން ގޮތްތަކަށް ލޯނު ނަގާފައިވާކަން އޮޑިޓުން ހާމަވެއްޖެއެވެ.
2024-2026 އަހަރުގެ މިޑްޓާމް ޑެޓް ސްޓްރެޓެޖީގައި ފާހަގަކުރެވިފައިވާ ކަންކަން އޮޑިޓުން ވަނީ އާންމުކޮށްފައެވެ. އެގޮތުން ނިމިދިޔަ އަހަރުތަކުގައި ނަގާފައިވާ ދަރަނިތައް، ހާއްސަ ގޮތެއްގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި ހޯދާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސޮލިޑޭޓެޑް ނުވަތަ ލުއި ގޮތަކަށް ނޫންކަން ސާފުކަމަށާއި އޭރުގެ ސަރުކާރަށް އެގޮތުގެ މަތިން ލޯނު ހޯދުމުގައި ދަތިތައް ކުރިމަތިވިކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނީގެ އަދަދުތައްވަނީ އިތުރުވަމުން އައިސްފައެވެ. އަދި 2021 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ ދަރަނީގެ 50 އިންސައްތައަށް އެރިކަމަށްވެސް މައުލޫމާތު ދީފައިވާއިރު ސަނީސައިޑް ބޮންޑު މެޗުއަރ ވުމުގެ ސަބަބުންނާއި ރައްޔިތުންގެ ބެންކު އެކައުންޓުގެ އޮވާޑްރާފްޓު ސެކިއުރިޓައިޒްކުރުމަށްޓަކައި ދިގުމުއްދަތަށް އެމްއެމްއޭއަށް ބޮނޑުދޫކުރުމުން 2022 ވަނަ އަހަރުގެ ތެރޭގައި މި އަދަދު 49 އިންސައްތައަށް ދަށްވިކަމަށްވެސް ބުނެފައިވެއެވެ.
އެ އޮފީހުން ބުނެފައިވާގޮތުން 2022ގައި ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނީގެ އަދަދުތައް 1 އިންސައްތައިން ދަށްވެގެންދިނަމަވެސް 2023- 2025 އަށް ކަނޑައަޅާފައިވާ މީޑިއާމް ޓާމް ފިސްކަލް ސްޓްރެޓެޖީގައި ބަޔާންކޮށްފައިވާ ނަތީޖާތަކާއި ހިސާބަށް ފުރިހަމައަށް ވާސިލުވެވިފައިނުވާކަމަށެވެ. އެގޮތުން 2025 އާއި 2026ގައި ބޮޑެތި އަދަދުތަކުން ބޭރު ފައިސާއިން ދަރަނި ދައްކަންޖެހޭކަމަށާއި އޭގެ ތެރޭގައި 2026 އަށް ހަމަވާ 500 މިލިއަން ޑޮލަރުގެ ސުކޫކެއްގެ އިތުރުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުވެސް ހިމެނޭކަމަށްވެސް ފާހަގަކޮށްފައިވާއިރު މިކަމުގެ ސަބަބުން ނުކުންނާނެ މައްސަލަތަކުން އަރައިގަތުމަށްޓަކައި މިހާރުގެ ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރާވަންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓުގައިވާގޮތުން ފިނޭންސް މިނިސްޓްރީއިންވަނީ މި ދަތިތަކުން އަރައިގަތުމުގެ ގޮތުންނާއި ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ކޮންސެޝަނަލް ފައިނޭންސިންގެ ބޭނުން ހިފުމަށް ނިންމާފައިކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ލޯނު ނެގުމުގެ ސަބަބުން އިންޓްރެސްޓު ރޭޓުތައް ދަށްވާނެކަމަށްވުމުން އެވަރެޖް އިންޓްރެސްޓު ރޭޓުވެސް ދަށްވެގެންދާނެއެވެ. އެހެންނަމަވެސް މި ލަނޑުދަނޑި މީޑިއަމް ޓާމް ޑެޓް ސްޓްރެޓަޖީގައި ހިމަނާފައިވުމުގެ އިތުރަށް މިކަމާއި ގުޅޭ ތަފްސީލީ ޕްލޭނެއް މިނިސްޓްރީއިން އެކުލަވާލާފައިވާކަން ކަށަވަރުނުކުރެވޭކަމަށް ބުނެފައިވެއެވެ.

