ބަރަހަނާ ފޮޓޯއާއި ވީޑީއޯ އާންމު ކުރަމުން ދިޔަ 571 ޓެލެގްރާމް ޗެނަލް ފުލުހުން އަތުލަލައިގަނެ، ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް (29އ)އެވެ.މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތްވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގުރާމްގެ 9 އެކަައުންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވަނީ ސީޒް ކޮށްފައެވެ.
ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާއިރު، މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައި ވެއެވެ. އަދި މި ޗެނަލްތަކަށް 3،468 މީހުން ސަބްސްކްރައިބްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
މީގެ އިތުރުން ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ފުލުހުން ކުރި ތަހުޤީޤުން ވަނީ ފާހަގަކުރެވިފައެވެ. ފައިސާ ދައްކައިގެން 34680 މީހުން މި ޗެނަލްތަކަށްވަދެ ސަބްސްކްރައިބްކޮށްފައިވާ ކަމަށާއި އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިއަނެއްހާ ރުފިޔާ ނަހަމަގޮތުގައި އާންމުދަނީއެއް ގޮތުގައި ހޯދާފައިވާ ކަމަށް ތަހުޤީޤުން ވަނީ އެނގިފައި ވެއެވެ.
މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައިވެއެވެ. އެގޮތުން، އދ. މަހިބަދޫ / ބަހާރުގެ، ޒުބައިރު ޢަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއިވެެ. އަދި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ. އަދި ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި އޭނާ ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ. ކ. ކާށިދޫ / ސިލިންކޯ، އިސްމާޢީލް ޒަބީޙް ދެ ފަހަރެއްގެ މަތިން ކޯޓަށް ވަނީ ހާޒިރުކޮށްފައިވެއެވެ. އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މިގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، އަމަލުތައް އިސްލާހުކޮށް ވިސްނުންތެރިކަމާއެކު ޒިންމާދާރު މީހަކަށްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.

