ހުޅުމާލެ ފޭސް 1 ގައި ޕާކިން ޒޯނެއް ގާއިމް ކުރަން ނިންމައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ސަހަރާ މިސްކިތް ކުރިމަތީގައިވާ ހުސް ބިމުގައި ޕާކިންނަށް ޖާގަ ދޫކުރުމަށް ނިންމައި އެ މައުލޫމާތުތައް މިއަދު ވަނީ މީީޑިއާތަކަށް ދީފަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި އެ ބިމުގައި ޕާކްކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.
މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އެ މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ޓެކްސީތަކާއި 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހުޅުމާލެ ސަހަރާ މިސްކިތް ކުރިމަތީގައި އޮންނަ ހުސްބިން ވަނީ ޚާއްޞަކުރެވިފައެވެ.
ހުޅުމާލެ ސަހަރާކުރިމަތީގައިވާ ހުސްބިމަކީ 90،000 އަކަފޫޓުގެ ބިމެކެވެ. އެ 90،000 އަކަ ފޫޓުގެ ބިމުގެ ތެރެއިން 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައްފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށްވާއިރު، 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، އެ ބިމުގައި ޕާކު ކުރުމަށް ހަމަޖެހިފައި ވަނީ ވަގުތީ ގޮތުން ކަމަށެވެ. އެގޮތުން އެ ބިމުގައި ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހުޅުމާލޭގައި ޕާކިން އިމާރާތްތައް އަޅަންދެން ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެޗްޑީސީން ވަނީ 4000 ޔުނިޓު ހިމެނޭ ޕާކިން ބިލްޑިންތަކެއް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފައި ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ޕާކިން މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

