ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖުރާއީ ގޯހުން ބޮޑެތި ކުށްވެރިން ދޫވުން: ހާމަވަނީ އޭރުވެސް މިހާރުވެސް ތަންފީޒީ އިދާރާގެ ދޯދިޔާކަން

މަރުގެ މައްސަލައެއްގައި ފުލުހުން މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަށީގެންވާ ހެކި ލިބިފައި ހުންނަ މައްސަލަތަކުގައި ވެސް އިޖުރާއީ ގޯހެއްގެ ސަބަބުން ބޮޑެތި ކުށުގެ ތުހުމަތުވާ މީހުން ސަލާމަތްވާ މައްސަލަ ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުން މިގޮތަށް ދަނީ ދޫވަމުންނެވެ.

އެގޮތުން 2019 ވަނަ އަހަރު ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ މީހަކު ދޫވިއެވެ. ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން ހުޅުމާލޭގެ ގެއެއް ބަލައި، ފާސްކުރުމަށް ފަހު ހައްޔަރުކުރި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެމީހުން ދޫކޮށްލަން އެ ކޯޓުން އަމުރުކުރީ ހައްޔަރުކުރަން ނެރުނު އަމުރުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން، އަމުރު ނެރުއްވި ގާޒީގެ ނަން ނެތުމުންނެވެ.

ދެވަނަ ފަހަރަށް ހުޅުމާލޭ ކޯޓުގެ އާ އަމުރެއްގެ ދަށުން އެ ދެ މީހުން އަލުން ހައްޔަރުކޮށް، ހުޅުމާލޭ ކޯޓަށް ބަންދުގެ މުއްދަތު އިތުރު ކުރަން ގެންދިއުމުން އެ ކޯޓުން ވެސް އެ މީހުން ދޫކޮށްލީއެވެ. މިފަހަރު ދިމާވި މައްސަލައަކީ ބަންދުގެ މުއްދަތު މަޖިލީހަށް ހާޒިރުވީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގައި ބުނާ ފަދައިން، މައްސަލަ ތަހުގީގުކުރާ ފުލުސް މީހާ ކަމަށް ނުވުމެވެ.

އޭގެފަހުން 2021 ވަނަ އަހަރު އިބްރާހިމް މުހައްމަދު ނަމަކަށް ކިޔާ މީހެއްގެ ސައިކަލް މަޑި ދަށުންނާއި އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނެވެ. އެކަން ސާބިތުކުރާނެ ރިޕޯޓްތަކާއެކު ދައުލަތުގައި އަތުގައި ހެކި ހުއްޓެވެ. އެކަމަކު, މައްސަލަ ނިމުނީ ދައުލަތާ ދެކޮޅަށެވެ.

އިޖުރާއީ ކުޑަ ގޯހަކުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއިން އޭނާ ސަލާމަތްވީއެވެ. އިބްރާހިމް މުހައްމަދު ހުއްޓުވައި އޭނާގެ ސައިކަލް މަޑިދަށް ފާސްކޮށް ނެގި ތަކެތީގެ އިންވެންޓްރީއެއް ދީފައެއް ނުވެއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލާފާސްކުރުމަށްފަހު ހޯދި ތަކެތީގެ އިންވެންޓްރީއެއް ވެސް ދީފައި ނުވެއެވެ. ނަމަވެސް, މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ފުލުހުން ފުރިހަމަ ކުރަން ޖެހޭނެ އިޖުރާއަތެކެވެ. އަނެއްކާވެސް އިތުރު މީހަކު ދޫވީއެވެ.

މި ފަހަކަށް އައިސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ތުހުމަތުވެ ހައްޔަރު ކޮށް ޝަރީއަތް ހިންގާ މީހާގެ މައްޗަށް ކުށް ސާބިތު ނުވެ ދޫކޮށްލާފައިވާ އެތައް މައްސަލައެއް އެބަހުއްޓެވެ. އެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި ބުނެފައި އޮންނަނީ ފުލުހުންގެ ތަހުގީގީ މަރުހަލާގައި ކަންކޮށްފައި ވާ ގޮތުގައި ގޯސްހަދާފައި ހުރެގެން އެ މައްސަލަތަކުގައި ހެކި ސާބިތު ކުރެވެން ނުހުންނަ ކަމަށެވެ.

އެންމެ ގިނައިން ފާހަގަ ކުރެވޭ އެއް ކަމަކީ، ޗެއިން އޮފް ކަސްޓަޑީ ނުވަތަ ކަސްޓަޑީ ކާޑުގެ މައްސަލައެވެ. ޗެއިން އޮފް ކަސްޓަޑީ ކާޑަކީ ލެބޯޓްރީ އާ ހިސާބަށް ޑްރަގް ގެންދާއިރު، އެއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ތަތްކުރާ އެއްޗެކެވެ.

ހަމައެއާއެކު ލެބޯޓްރީއާ ހަމައަށް މަސްތުވާތަކެތި ތަހުލީލު ކުރަން ގެންދާ އިރު، އެ ތަކެތި އެ ހިސާބަށް ގެންދާ ގޮތުގެ ތަފްސީލު ހުށަހެޅުމުގައި ވެސް މައްސަލަތަކެއް ފާހަގަ ވެފައި ހުރި ކަމަށް ދާދި ފަހުން ހުކުމް ކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ދެން އޮތީ އެއަށްވުރެ ނުރައްކާތެރި، އެއަށް ވުރެ ބޮޑު ކުށްތަކުން މީހުން ދޫވާ ދޫވުމުގެ ވާހަކައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަނެކާގެ ފުރާނަ ދުއްވާލާ މީހާ ވެސް ދޫވެގެންދާ ގޮތުގެ ވާހަކައެވެ. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް އެކަށީގެންވާ ހެކި ނުހުންނަނީއެވެ. ފޮރެންސިކް ހެއްކެތް ނެތުން ނުވަތަ އެ ހުށަހަޅާ ހެކީގައި ބުރަދަނެއް ނެތުން ހިމެނެއެވެ.

2015 ވަނަ އަަހަރުގެ ޖޫން މަހުގައި އައްޑޫ ސިޓީ ހިތަދޫގައި ގުރޫޕަކުން ގޮސް ތޫނު އެއްޗެހިތަކަކުން، ހަމަލާދީ މަރައިލި ހުސައިން ޝިއާރު މަރާލި މައްސަލައިން ވެސް ފެނުނީ ދާދި އެއްކަހަލަ މަންޒަރެކެވެ. ހުސައިން ޝިއާރު މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އެމީހުން މިނިވަންވީއެވެ. އެ މައްސަލައި ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުވާ ލިބޭ ހަތަރު މީހުން ހުސައިން ޝިއާރަށް ހަމަލާދިން ތަން ފެނުނު ކަމަށް ކޯޓުގެ އިތުރުން ތަހުޤީޤުގައި އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފައިނުވާ ކަމަށާއި ޑީއެންއޭ ނުވަތަ ފިންގަޕްރިންޓް ފަދަ ފޮރެންސިކް ހެއްކެއް ވެސް ހޯދިފައިނުވާ ކަމަށެވެ.

އެފަދަ އިތުރު މައްސަލައެކެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެމައްސަލައިގައި ދައުވާ ލިބޭ އެމީހުން މިކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖްކަމަށެވެ. އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުންކަމަށް ނިންމަން ދަތިކަމަށް ހުކުމްގައި ބުނެފައިވެއެވެ. މީގެއިތުރުން ފުލުހުންނާ ދައުލަތުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ސާބިތު ނުކުރެވޭނެ ކަމަށް ހުކުމްގައިވެއެވެ.

މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ފެންނަނީ މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންކަން ސާބިތު ކުރެވޭނެ ވަރުގެ އިތުރު ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގައި ހުކުމްގައި ބުނީ މައްސަލައިގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށާއި، އެއީ ދިފާއާ ހިއްސާ ކުރެވިފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އަދި މި ރިޕޯޓަކީ ޝަރީއަތުން ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށާއި އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުން ރިއާޔަތް ކުރެވިދާނެ އެއްޗެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން އިޖްރާއީ އެކި މައްސަލަތަކާ ހެދި ދޫވުމަކީ އާ ކަމެއް ނޫނެވެ. ކޯޓު އަމުރެއް ނެތި ތަންތަނަށް ވަނުމާއި ކޯޓު އަމުރުގައިވާ ގަޑިއަށް ވުރެ ކުރިން ތަންތަނަށް ވަދެ ހެކި ހޯދުމުންނާއި ހައްޔަރުކުރުމަށް ފަހު ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ހުރުމުން ވެސް ޖިނާއީ ބައެއް މައްސަލަތައް ނާކާމިޔާބުވެ، ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ދޫކޮށްލަން ޖެހިފައި އެބަ ހުއްޓެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ކުށެއްގެ ތުހުމަތުކުރެވޭ ވަގުތުން ފެށިގެން އެ މައްސަލައެއްގައި ތަހުގީގު މަރުހަލާ އާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގައި، ހުކުމް ކުރުމާ ހަމައަށް ވެސް އަމަލު ކުރަން ޖެހޭ ހުރިހާ އިޖްރާއާތުތަކެއް އަކުރުން އަކުރަށް ބަޔާން ކޮށްފައި އެބަ ހުއްޓެވެ. އެހެންވެ، އެއްވެސް މައްސަލައެއްގައި އެއިން އިޖްރާއާތެއް ފުރިހަމަ ނުކޮށް ދޫކޮށްލެވޭނެ ގޮތެއް ނެތެވެ. އަދި އިޖްރާއާތު ފުރިހަމަ ނުކޮށް ދޫކޮށްލުމަށް ފަހު، ”މިއީ އަބަދުވެސް އަމަލުކުރާ އުސޫލު“ ކަމަށް ބުނެ އެއްވެސް ބަޔަކަށް މިހާރު ޒިންމާއިން ރެކިގަނެވޭކަށް ވެސް ނެތެވެ. ގާނޫނު އޮތީ އެހާ ވެސް ތަފްސީލުކޮށެވެ.

ޖިނާއީ މައްސަލައެއްގައި އަމަލުކުރާ އިޖްރާއާތު ގޯސްވެއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ ދޫކޮށްލުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރަށް އިޖްރާއާތުު ގޯސްވެއްޖެ ނަމަ، ހޯދާ ހެކިތައް ވެސް ގާނޫނީ ގޮތުން ބަލައިނުގަނެވި، މުޅި އެ ދައުވާ ކާމިޔާބު ނުވެ ދިއުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ. ކިތަންމެ ވަރުގަދަ ހެކިތަކެއް ލިބިފައި ހުއްޓަސް، އިޖްރާއާތު ގޯސް ނަމަ އެއަށް ގާނޫނީ ގޮތުން ރިއާޔަތެއް ނުކުރެވޭނެއެވެ. އެގޮތަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ވެސް އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: