ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ކުދި ގޮޅިތަކުގައި ގިނަ ބިދޭސީން ތިބޭ ތަންތަނަށް

ބިދޭސިން ދިރިއުޅޭ ތަނެއް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް ޑީޕޯޓު ކުރި މީހުންގެ އަދަދު ތިންހާހުން މައްޗަށް އަރަ އެވެ. އަދި ގިނަ ބަޔަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަހައްޓައި ފުރުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިހާތަނަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ނުތާހިރުކޮށް، މުޑުދާރު ތަންތަނުގައި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ގިނަ ބިދޭސީން ހިފަހައްޓާފައި ވެއެވެ. ބިދޭސީންގެ މައްސަލަތައް ރިޕޯޓު ކުރެވޭ އިމިގްރޭޝަން ވޮޗް ޕްލެޓްފޯމަށް ލިބޭ ރިޕޯޓުތަކާއި، އަދި އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް ރެއިޑު ކުރި އެފަދަ އެކި ކުދިކުދި ގޮޅިތަކުގައި ތައްޔާރު ކުރަމުން ދިޔައީ ދިވެހިން އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި ސްކޫލު ދަރިވަރުންނާއި، އޮފީސްތަކުގެ މުވައްޒަފުން ގަންނަ ސަބްމެރިން، ބާގަރ، ސޭންޑްވިޗް އަދި ހެދިކާއާއި ކާޖާގެ ބާވަތްތައް ހިމެނެ އެވެ.

ބިދޭސީން ދިރިއުޅޭ ކުޑަތަންކޮޅެއްގައި އެއްވެސް ސާފުތާހިރުކަމެއް ނެތި މިފަދަ ގޮތަކަށް ކާބޯތަކެތި ތައްޔާރު ކުރާތާ އެތައް ޒަމާނެއްވި ނަމަވެސް މިހާތަނަށް އޮތީ އެއްވެސް ފިޔަވަޅެއް ނޭޅި އެވެ. ދިވެއްސެއްގެ ނިވާފަތްގަނޑުގައި، ނުވަތަ އެފަދަ ބައިވެރިވުމެއް ނެތި ތައްޔާރު ކުރާ އެފަދަ ކާބޯތަކެތި ތައްޔާރު ކުރުމުގައި ބޭނުން ކުރަމުން ދިޔައީ ކުނިވެފައިވާ މަހުގެ ބާވަތްތައް ނުވަތަ ހަލާކުވެފައިވާ ތަރުކާރީ އެވެ. ކެއްކުމަށް ބޭނުން ކުރާ ތަކެއްޗަކީ މުއްދަތު ހަމަވެފައިވާ، ނުވަތަ ހަމަވާން ގާތްވެފައި ވާތީ ފިހާރަތަކުން އަގުހެޔޮކޮށް ވިއްކާފައިވާ ބާވަތެކެވެ.

ކާބޯތަކެތި ތައްޔާރު ކުރުމުގައި ބުޅާ މަސް ބޭނުން ކުރިކަމަށް ތުހުމަތުގައި ހައްޔަރުގައި ހުރި ބިދޭސީ މީހާ ބޭނުން ކުރަމުން ދިޔައީ ވެސް ހަމަ އެގޮތަށް މުއްދަތު ހަމަވެފައި ހުރި ތަކެތިކަން އެތަނުގައި ހުރި ސްޕައިސެސް ޕެކެޓު ފޮއްޓާއި، ސޯސް ފުޅި ކޭހުން އެނގެ އެވެ. ހަމަ މިގޮތަށް އެތައް ބަޔަކު މުއްދަތު ހަމަވެ އުކާލާފައި ހުންނަ ފޮށިތައް ނަގައި، ކާބޯތަކެތި ތައްޔާރު ކުރުމަށް އެ ބޭނުން ކުރާނެކަން ޔަގީނެވެ.

ބުޅާތައް މަރައިގެން ބާގާ އާއި ސަބްމެރިން ހަދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ މީހާ.– ފޮޓޯ: އިމިގްރޭޝަން

ފިހާރަތަކުގައި ހުންނަ ސަބްމެރިންނާއި، ޕަނީނޯ އަދި ބާގަރ ތައްޔާރު ކުރުމަށް ބޭނުން ކުރާ މަސް ގަނޑު ކުރުމުގައި ގެންގުޅެނީ ހިތު ހުރި އުސޫލެކެވެ. ބޮޑެތި ޑީފްރިޖުތަކުގައި އެ ބަހައްޓާފައި ހުންނަނީ، ގިނަ ފަހަރަށް ސާފުނުކޮށް ނުވަތަ މަސްގަނޑު ތައްޔާރުކޮށް އަނެއްކާވެސް ފްރިޖަށްލާފަ އެވެ. މިއީ އިމިގްރޭޝަންގެ ރެއިޑުތަކާއި ގުޅޭގޮތުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަން ހުރި މަންޒަރުތަކެވެ. ރިހަ ނުވަތަ ކުޅިމަހާއި އެފަދަ އެހެން ބާވަތެއް ތައްޔާރު ކުރުމަށް ބޭނުންވާ ސޯސް ތައްޔާރުކޮށް ޑީފްރިޖަށް ލާފައި ހުއްޓެވެ. އަދި ބަތް ކެއްކުމަށް ފަހު އެވެސް ހުންނަނީ ހަމަ އެގޮތަށް ބަހައްޓާފަ އެވެ.

ބިދޭސީން ތައްޔާރު ކުރާ ކާޖާއާއި ފޯއްޕެކެޓު ތައްޔާރު ކުރަމުން ދިޔައީ މުޑުދާރުކޮށް ހުރި ކޮޓަރިއެއްގައި/ ފޮޓޯ: އިމިގްރޭޝަން

ކަންމަތީ ފިހާރަތަކުން ފެށިގެން ބޮޑެތި ފިހާރަތަކުގެ ޝެލްފްގައި ހުންނަ ކާޖާއާއި ތެލުލިފަތް، މަސް މިރުސްގެ އެކި ބާވަތްތަކުގައި ވެސް އޮތީ ބިދޭސީންގެ އަތެވެ. ދިވެހިން ތައްޔާރުކޮށް ވިއްކާ ބާވަތްތަކަށް ވުރެ، އެ މީހުން ފިހާރަތަކުގައި ވިއްކާ ތަކެތި ގިނަ އެވެ. އިމިގްރޭޝަނުގެ ރެއިޑުން ފާހަގަ ކުރެވުނު އެއްކަމަކީ އެކި ބިދޭސީން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވިއިރު އޭގެ ތެރޭގައި އާންމުކޮށް ހުރިހާ ފިހާރައަކުން ވެސް ފެންނަ ލޭބަލްތަކުގެ ޕްރިންޓުތައް ފެނުމެވެ. އަދި އެ ބަޔަކު ހުއްޓުވުމަށް ފަހު ވެސް ހަމަ އެ ލޭބަލްތަކުގައި ތައްޔާރު ކުރާ ކާޖާގެ ބާވަތްތައް މިހާރު ވެސް ކޮންމެ ދުވަހަކު ގެންގޮސް ފިހާރަތަކުގައި ދަނީ ވިކެމުންނެވެ.

ބަތާއި ރިހަ ތައްޔާރު ކުރުމަށް ފަހު ޑީފްރިޖަކަށްލާފައި/ ފޮޓޯ: އިމިގްރޭޝަން

މިއީ ކުދިކުދި ގޮޅިތަކުގައި ކުރަމުން ދާ މަސައްކަތެއްގެ ވާހަކަ އެވެ. އަދި އެތައް ހާސް ބައެއްގެ ތެރެއިން މަދު ބައެއްގެ ވާހަކަ އެވެ.

ބިދޭސީން ކުރަމުން ގެންދާ މަސައްކަތުގެ ތެރޭގައި ހަމައެކަނި ހިމެނެނީ، ކާބޯތަކެތީގެ ވިޔަފާރި އެކަންޏެއް ނޫނެވެ. ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، ޑޮލަރުގެ ވިޔަފާރި އަދި އާންމު އެތައް މަސައްކެއް އޭގެ ތެރޭގައި ހިމެނެ އެވެ.

މާލޭގައި މިދިޔަ ހަފްތާގައި ކެފޭއެއްގެ ބަދިގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއްކޮށް އަނދާ ހުލިވީ، ބިދޭސީންގެ އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭ ގޮތަށެވެ. ކެފޭގެ މަތީގައި ހުރި އެ ބްލޮކުގައި 50 އެއްހާ ބިދޭސީން ދިރިއުޅޭނެކަމަށް ބެލެވެ އެވެ. އެތަނުގައި ބިދޭސީން އުޅެމުން ދިޔައީ ގަވައިދާއި އެއްގޮތަށް ތޯ ނުވަތަ ނޫންތޯ އަދި މިހާތަނަށް ބަލާފައި ނުވީ ނަމަވެސް ބެލެވޭ ގޮތުގައި އިމިގްރޭޝަން އެ މަސައްކަތް ކުރާނެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ އެ އިމާރާތުގެ ފޮޓޯއެއް: އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ — ފޮޓޯ:އަދަދު

މި ހާދިސާއާއި އެކު އަނެއްކާވެސް ދައްކަނީ ބިދޭސީން ބަހައްޓާ އެފަދަ ގޮޅިތަކުގެ ވާހަކަ އެވެ. އެކަމޮޑޭޝަން މި ބްލޮކުތަކުގައި ޕާޓްޝަން ޖަހައި ހަދާފައި ހުންނަ ކޮންމެ ތަނެއްގައި ގޭސް ފުޅިތައް ހުރެ އެވެ. މީގެ ދޮޅު އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ބިދޭސީންގެ އެކަމޮޑޭޝަން ބްލޮކެއްގައި ރޯވެ 10 ބިދޭސީއަކު ނިޔާވި އެވެ. އެތަނުގައި ދިރިއުޅުނު ބިދޭސީންގެ އަދަދު ވެސް ސާފު ނުވާއިރު، އެ މީހުން ވެސް އުޅެމުން ދިޔައީ ޕާޓްޝަން ޖެހި ކުދި ގޮޅިތަކެއްގަ އެވެ. އަމިއްލައިން ވަކިން ކައްކައި ކެވޭ ގޮތަށް ހުރުމުން ކުޑަ ގޭސް ފުޅިއެއް ނުވަތަ ބޮޑު ގޭސް ފުޅިއެއް އެތަނުގައި ހުއްޓެވެ. އަލިފާން ކޮންޓްރޯލް ނުވެ ދެ މިނެޓު ތެރޭގައި މުޅި ތަނަށް އަލިފާން ފެތުރި އެހާ ބޮޑު ހާދިސާއެއް ހިނގި ސަބަބަކީ އެއީ އެވެ.

ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ހުލިވެފައި — ފޮޓޯ/ މިހާރު

އެ ހާދިސާއަށް ފަހު ބިދޭސީންގެ އެކަމޮޑޭޝަނުގެ ވާހަކަ ހަރު އަޑުން ދެއްކީ ހަފްތާއެއްހާ ދުވަހަށެވެ. އޭގެ ފަހުން އަނެއްކާވެސް ނުދެކެވި އޮތުމަށް ފަހު މިހާރު ވެސް ފެންމަތިވީ އެވެ. އިމިގްރޭޝަނުން ކުރަމުން ދާ ތައުރީފު ހައްގު މަސަައްކަތުގެ ތެރެއިން މިހާރު މިސްރާބު ޖަހާފައި ހުރި އެފަދަ ގޮޅިތަކަށެވެ. އަދި ސަލާމަތަށް ނުރައްކާވާ ގޮތަށް ބިދޭސީންގެ ހުރުމާއި ކެއުން ހަމަޖައްސާ މީހުންނާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ވަނީ ދެއްވާފަ އެވެ.

އެގޮތުގެ މަތީން އިއްޔެ ފެށި މަސައްކަތުގައި މާލޭގެ 8 ގެއެއް ބަލައި ފާސް ކުރުމަށް ފަހު 18 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މަސަައްކަތާއި ގުޅޭގޮތުން ޝަމްއާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް އެކިއެކި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީންގެ ކެއުމާއި ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ މީހުން ރާއްޖެއަށް ގެންނަ އެމްޕްލޮޔަރުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން މަސައްކަތްތެރިން ބަހައްޓަނީ އާއްމު ސަލާމަތަށް ނުރައްކާ ނުވާނެ ފަދަތަންތަނަުގައި ކަން ކަށަވަރު ކުރުމަށް އަދި މިފަދަ ތަންތާނގައި ކެއްކުން ފަދަ ކަންކަން ކުރާއިރު، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް ޝަމްއާން ވިދާޅުވި އެވެ.

ބިދޭސީން ދިރިއުޅޭ ގެއެއްގައި މީހަކު ނިދާ އެނދެއްގެ މަތީގައި ގޭސްފުޅިއެއް ބަހައްޓައިފައި.– ފޮޓޯ: އިމިގްރޭޝަން

ޝަމްއާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އާންމު ސިއްހަތުގެ ރައްކާތެރިކަމާއި ސަލާމަތަށް ނުރައްކާވާ ގޮތަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިދުމާއި ކެއުމުގެ ކަންކަން ހަމައްސާ ފަރާތްތަކާއި މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ މަސަައްކަތުގައި އިމިގްރޭޝަންގެ އޮޕަރޭޝަންތަކަކީ، މިހާތަނަށް އެއްވެސް ސަރުކާރަކުން ކުރިޔަށް ގެންދާ އެންމެ ކާމިޔާބު އަދި ރައްޔިތުންގެ ތައުރީފު ލިބޭ ހަމައެކަނި ޕްރޮގްރާމެވެ. އެހެންކަމުން ރައްކާތެރިކަން ގެއްލޭ ގޮތަށް، އިންސާނުން ބައިތިއްބަން އެކަށީގެން ނުވާ ތަންތަނުގައި މިގޮތަށް ބިދޭސީން ބަހައްޓާ މީހުންނާއި މެދު މި މަރުހަލާގައި ފިޔަވަޅު އެޅޭނެކަމުގެ އުންމީދު ބޮޑެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: