ގައުމު ކުރިއެރުވުމަށްޓަކައި ރެޔާއި ދުވާލު ވެރިން މަސައްކަތް ކުރައްވާކަމަށް ވިދާޅުވީ ނަމަވެސް، ރާއްޖޭގައި ފަގީރުކަމާއި އާމްދަނީގެ ނުތަނަވަސްކަން އޮތީ އިންތިހާ ދަރަޖައިގައެވެ. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ލަގްޒަރީ ޓޫރިޒަމް އިންޑަސްޓްރީއެއް އޮތް ގައުމެއްކަމަށްވާއިރު، ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި، ކަނޑުމަތީގައި ހުންނަ ބަންގަލޯތަކާއި، ފަޚުރުވެރި ރިސޯޓްތަކަށް ކޮންމެ އަހަރެއްގެ މައްޗަށް މިލިއަނުން ފަތުރުވެރިން ޒިޔާރާތް ކުރެއެވެ.
ބައިނަލްއަޤްވާމީ ދުނިޔޭގެ މުއްސަނދިކަމުގެ މި ތަޞައްވުރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވެރިވެފައިވާއިރު، މުޅި ޤައުމުގައި ދެމިއޮތް އާމްދަނީގެ ބޮޑު ނުތަނަވަސްކަމާއި، ފަޤީރުކަމުގެ ޖީބުތަކުގެ ހަޤީޤަތާއި އެ ތަޞައްވުރު ވަރަށް ތަފާތެވެ. ފަތުރުވެރިކަންފަދަ ދެތިން ސިނާއަތަކުން ލިބޭ އާމްދަނީގެ ސަބަބުން ރާއްޖެ ގިންތިކޮށްފައި އޮންނަނީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ނަމަވެސް، ފަތުރުވެރިކަމުން ލިބޭ މުއްސަނދިކަން އާބާދީގެ ހުރިހާ ދާއިރާއަކަށް ހަމަހަމަ ގޮތެއްގައި ނުފޯރައެވެ. ގައުމު ކުރި އަރައިގެންދާ މިންވަރަށް، އަމިއްލަ ފަރުދުން ކުރިނާރާ ސަބަބަކީ ހަގީގަތުގައި މިއީއެވެ.
ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ރާއްޖޭގެ ޖީޑީޕީގެ 30 އިންސައްތައަކީ ފަތުރުވެރިކަމުން ލިބޭ ނަފާއޭވެސް ދެންނެވިދާނެއެވެ. ނަމަވެސް މިކަމުގެ ފައިދާ ކުރަނީ ވަކި ސަރަހައްދުތަކަށެވެ. މި ފައިދާ ހަމައެކަނި ވަންނަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑުންގެ ޖީބަށޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ގިނަ ލަގްޒަރީ ރިސޯޓްތަކުގެ ބޮޑު ހިއްސާއެއް އޮންނަނީ އަމިއްލަ ފަރާތްތަކުގެ އަތް މަތީގައެވެ. އެހެންކަމުން މިކަމުގެ ފައިދާ އާންމު ފަރުދުންނަކަށް ނުކުރެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ލޭބަރ ފޯސްގެ ބޮޑު ބަޔަކީ ބިދޭސީ މަސައްކަތްތެރިންކަމަށްވުމާއިއެކު، ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިންނަށް ކުރާ އިގްތިސާދީ ފައިދާ އިތުރަށް ހަނިވެގެންދެއެވެ.
އާންމު ފަރުުދުންގެ ތެރެއިންވެސް ރާއްޖޭގެ މާ ބޮޑަށް ތަރައްގީ ނުވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ފުުރުސަތު އަދި މާ ހަންޏެވެ. އަސާސީ ބޭނުމަށް ބޭނުންކުރާ މުދާ އެތެރެކުރުމުގައިވެސް އިމްޕޯޓަށް ބަރޯސާވާން ޖެހުމުގެ ސަބަބުން ދިރިއުޅުމުގެ އަގުތައް ހުންނަނީ އަތް ނުފޯރާ ފަށުގައެވެ. ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިގްތިސާދީ ގޮތުން ހުރި ފުރުސަތުތައް ހަނިވުމުގެ ސަބަބުން، އާމްދަނީ ހޯދޭނެ މާ ބޮޑު މަގުތަކެއް ނުހުރެއެވެ. އެއްގޮތަކީ ދަނޑުވެރިކަން ކުރުމެވެ. ނޫނީ ކޮންމެސް ކަހަލަ ކުޑަ ވިޔަފާރިއެއް ކުރުމެވެ. މިއީވެސް އެކަށީގެންވާ ނުވަތަ ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ އާމްދަނީ ލިބޭނެ މަގުތަކެއް ނޫނެވެ. މަސްވެރިކަމުން ލިބޭ ނަފާއަކީވެސް ރަށުގެ ވަކި ބަޔަކަށް ލިބޭ ނަފާއެކެވެ. އޭގެން ރަށުގެ ހުރި ރައްޔިތުންނަށާއި، މުޅި ރަށަށް ކުރާ ފައިދާ ވަރަށް ކުޑައެވެ.
ވެރިރަށް މާލެއިން ރަނގަޅު އިންފްރާސްޓްރަކްޗަރ އާއި ހިދުމަތްތައް ލިބުނު ނަމަވެސް އަދި އެ ހިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތްތައް ކުރި ނަމަވެސް، ރަށް ރަށުން ފެންނަނީ ކުރިއަށް އެރުމަށްވުރެ ފަހަތަށްދާ މަންޒަރެވެ. އެގޮތުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމާއި، ތައުލީމީ ވަސީލަތްތައް ދަށްވުމާއި، ސާފު ފެނާއި އަދިވެސް އެތައް ހިދުމަތެއް ހޯދުމުގައި ގޮންޖެހުންތައް އެބަހުރިއެވެ.
މިހާރަށްވުރެ، ހަމަހަމަ މުޖުތަމަޢެއް އުފައްދާ، ހަމަހަމަ ފުރުސަތުތަކެއް ގާއިމްކޮށްދިނުމަށްޓަކައި، އާމްދަނީގެ ނުތަނަވަސްކަމަށް މެދުވެރިވާ އުމްރާނީ މައްސަލަތަކަށް ހައްލު ލިބޭނެ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ކުރަންޖެހެއެވެ. އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ހޯދައިދީ ފަތުރުވެރިކަމަށް ބަރޯސާވާވުން މަދު ކުރަން ޖެހެއެވެ. މަސްވެރިކަންފަދަ، އެކަމަކުން ބޮޑު ނަފާއެއް ރާއްޖެއަށް ހޯދޭނެ ފަދަ ސިނާއަތްތައް އިތުރަށް ކުރިއެރުވުމުގެ މަސައްކަތްތައް ކުރަން ޖެހެއެވެ.
މަސްވެރިކަމުން ހަމައެކަނި ނަފާ ހޯދޭނެ މަގުތަކަކީ، ބޭރުގެ ގައުމުތަކަށް މަސް ވިއްކުމާއި، ދަޅު މަސްކަމަށް ދެކޭ ދެކުން ބަދަލުކޮށް، މިފަދަ ސިނާއަތުތައް އިތުރަށް ފުޅާކޮށް، އިޝްތިހާރު ކުރެވެން ޖެހެއެވެ. އަދި ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން އިތުރު ފުރުސަތުތައް އުފެއްދުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އަމިއްލަ ފަރުދުންގެ ފުދުންތެރިކަމަށްޓަކައި ތައުލީމާއި ހުނަރު ތަމްރީނު ކުރުމަށް އިންވެސްޓް ކުރުމަކީވެސް ރަނގަޅު، އެކަށީގެންވާ އާމްދަނީއެއް ލިބޭ ވަޒީފާތަކަށް އާންމު ޝަގުވެރި ކުރުވުމަށް ބޭނުންޖެހިފައި އޮތް ކަމެކެވެ. މިފަދަ ވަޒީފާތަކުގެ ފައިދާ ބޭރަށް ކެހިގެންދާ ދިއުން ހުއްޓުވަން އޮތް ރަނގަޅު ހަތިޔާރެކެވެ.
ގައުމުގެ އިގްތިސާދީ ކާމިޔާބީގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބޭނެ އިންކްލޫސިވް އަދި ހަމަހަމަ މުޖުތަމައެއް އުފެއްދުމަށްޓަކައި މިހާތަނަށް އައިރު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަމާއި، އަމިއްލަ ފަރުދުންގެ ފުރުދުންތެރިކަން ކުރިނާރާ ސަބަބުތަކެވެ.

