ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ވެއްޖެތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެދިޔަ ހަފްތާތަކުގައި އިވިގެން ދިޔަ ވާހަކައަކީ، ވެރިރަށް މާލޭގައި އާންމުކޮށް ކައި އުޅެން ކަމު ނުދާހާ މުޑުދާރުކޮށް ކާނާ ތައްޔާރުކޮށް ފިހާރަ ތަކަށް ވިއްކަން ލައި، ބުޅާ މަސް އަޅައިގެން ކާ ތަކެތި ތައްޔާރުކޮށް މާލޭގެ އެތައް ފިހާރައެއްގައި ވިއްކައި އެފަދަ އެތައް ކަންތައްތަކެއް ހިންގަމުން ދާ ވާހަކައެވެ. އެ ފަދަ ކާނާ ތަކަކީ މާލޭގައި ވަޒީފާ ތަކަށްދާ ފަރާތްތަކުން އާންމު ގޮތެއްގައި، ގަނެ ކައިބޮއެ އުޅޭ ކާނާތަކެވެ. އަދި ސްކޫލަށްދާ ދަރިވަރުން އިންޓަވަލްއަށް ބޭނުން ކުރަމުން އަންނަ ކާނާ އެވެ.

ކަންކަން ހައްދު ފަހަނަ އަޅައިގެން މި ދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަތްމައްޗަށް މިފަދަ ކުދި ކުދި ކަންކަން ދިއުމުގެ ސަބަބުންނެވެ. ދިވެހީންގެ ތެރޭ ކާބޯތަކެތި ތައްޔާރު ކުރުމުގެ ޒިންމާ އެއްކޮންހެން ބިދޭސީންނަށް ދޫކޮށްލެވިފައި އޮންނަތާ އެތައް ޒަމާނެއްވެއްޖެއެވެ.

ހަގީގަތުގައި ، މިފަދަ މަސައްކަތްތަކަކީ ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި މަސައްކަތްތަކެކެވެ. ދިވެހީން މި ފަދަ މަސައްކަތް ކުރަމުން އައި އަގަށް ވުރެ ހެޔޮ އަގުގައި މަސައްކަތްކޮށް، ދިވެހީން ވިއްކަމުން އައި އަގަށްވުރެ ހެޔޮ އަގުގައި ތަކެތި ވިއްކައި މިފަދަ ގޮތްގޮތުން ބިދޭސީން ވަނީ ދިވެހީންގެ ވިޔަފާރި ތަކުގެ މައްޗަށް އަތް ގަދަ ކޮށްފައެވެ. އަދާ ހަމައަށް ދާންދެންވެސް މި ތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ބަލައި އޮޅުންފިލުވާލި ބަޔަކު ނެތޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ.

މިފަހުން އާންމުވެގެން މި ދިޔައީ އާންމުކޮށް ދިވެހީން ދުފުމަށް ބޭނުން ކުރަމުން އަންނަ ކޮށި ފޯއް، ވަރަށް މުޑުދާރު ތަނެއްގައި ބަހައްޓާފައި ހުރި ތަނެއްގެ ފޮޓޯތަކެކެވެ. ސުވާލަކީ މިފަދަ ކަންކަމުގައި ދިވެހީން ބިދޭސީންނަށް ބަރޯސާ ވުން ނިމުމަކަށް ގެނެސްފި ނަމަ މިކަން ހައްލު ވެގެން ދާނެ  ތޯއެވެ. ހަގީގަތުގައި، ދިވެހި ކުދި ވިޔަފާރިވެރިންވެސް ފިހާރަތަކަށް ޕްރޮޑަކްޓް ލާދިނުމުގައި، އަގަށްވުރެ ތަކެތީގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް އިސްކަން ދިނުމަކީ މިކަންކަމަށް އެދެވޭ ބަދަލެއް ގެނެވިދާނެ ކަމެކެވެ. މާލީ ފައިދާއަށްވުރެ، ދުޅަހެޔޮ މުޖުތަމައުއެއް އުފެއްދުމަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.

ކަންކަމުގެ ހެކިތައް ފާޅުވެ، އާންމުންނަށް ތިލަވާން މި ފެށީ އިމިގްރޭޝަންއިން ދާދި ފަހުން ފެށި އޮޕަރޭޝަންއެއްގެ ތެރެއިންނެވެ. މުޅި ރާއްޖެއަށް ބަލާލި ނަމަވެސް ނުގަވައިދުން އުޅޭމުންދާ ބިދޭސީން ގެ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ފަދަ މީހުން އުޅޭ ތަންތަނާއި މަސައްކަތް ކުރާ ތަންތަން ދެނެގަތުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި އިމިގްރޭޝަނުން ކުރަމުން ދެއެވެ.

މީގެ އިތުރުން ބޭރުގެ ތަހުޒީބު ޤައުމުތަކަށް ބަލައިލާ ނަމަ، ފެނިގެން ދަނީ، ކާބޯތަކެތި ރެގިއުލޭޓް ކުރެވޭނެ އިދާރާ ތަކެއް އުފައްފައި އެ އިދާރާއަކުން މިފަދަ ކަންކަން ބަލަހައްޓަމުން ދާ މަންޒަރެވެ. ރާއްޖޭގައިވެސް މި ކަންކަމަށް އިދާރާއެއް ކަނޑައެޅިފައި އެބަ ހުއްޓެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީ ( އެމް. އެފް. ޑީ. އޭ ) އަކީ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި އޮތޯރިޓީއެކެވެ. އެމް. އެފް. ޑީ. އޭ އަށް މިހާރު މިވަނީ ގާތް ގަނޑަކަށް 18 އަހަރު ވެފައެވެ. މި ހިންގާ ދިޔަ މުއްދަތަށް ބަލާ ނަމަ، މިއީ މިފަދަ އިދާރާއެއްގެ މަސައްކަތް އެދެވޭ ގޮތެއްގައި ހިންގައިގަތުމަށް އެކަށީގެންވާ މުއްދަތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެހެން ނަމަވެސް އަދާ ހަމައަށް އައިރު އެދެވޭ ހަރަކާތްތެރިކަމެއް ނެތް ކަމުގައިވެސް ވެދާނެއެވެ. އެފަދަ އިދާރާއެއް ހުރި ކަމުގައި ވިޔަސް، އެކަށީގެންވާ މިންވަރަށް ބެލިފައި ހުރި ނަމަ މިފަދަ ކަންކަން ހައްލުވެގެން ދާނެކަން ހަމަ ޔަގީނެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީގެ ޒިންމާ ތަކަށް ބަލައިލާ ނަމަ، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް ބަލަހައްޓައި ސެޓިފައި ކުރުމަކީ އެ އޮތޯރިޓީގެ ޒިންމާއެކެވެ.

އެހެން ނަމަވެސް މި ކަމުގައި ވަކި ވަކި ފަރުދުންގެ ޒިންމާ އިންތިހާއަށް ބޮޑެވެ. އެކަށީގެން ނުވާ މާހައުލެއްގައި ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، ލަސްނުކޮށް ރާއްޖޭގެ ކަމާ ބެހޭ ފަރާތަށް މައްސަލަ ހުށަހެޅުމަކީ ހަމަ ޔަގީނުންވެސް ފަރުދެއްގެ ހައިސިއްޔަތުން ކޮންމެ ދިވެއްސަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި ބިދޭސީން ތިބުމަށް ދިވެހިން ދީފައިވާ ތަންތަން ބަލާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ޤައުމެއް ކުރިއަރައިގެން ދިޔުމުގައި އެންމެ މުހިންމު އެއް ބަޔަކީ އެތަނެއްގައި ވަޒަރަންވެރިވެ އުޅޭ ދިވެހިން ނެވެ. ސަރުކާރާއި އެކިއެކި މުއައްސަސާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތަަށް ރައްޔިތުން އެއްބާރުލުން ދިނުމަކީ ކަންކަން ހައްލު ކުރުމުގައި ފަސޭހަ ތަކެއް ލިއްބައިދޭނެ ކަމެކެވެ.

މިކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން، އެމް.އެފް.ޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ރޭޓިން، ނުވަތަ ބެޖް އެއް ދިނުން ފަދަ ކަންކަމަކީ އެ ކާބޯތަކެތި އުފައްދާ ފަރާތްތަކުންވެސް އެބައެއްގެ ރޭޓިން މަތި ކުރުމަށް މަސައްކަތްކުރާނެ ކަމެކެވެ. ސަބަބަކީ އާންމުންވެސް ކާބޯތަކެތި ގަތުމުގައި މި ރޭޓިންގ ނުވަތަ ބެޖަށް ބަލާނެކަ މެވެ. އެބައެއްގެ ކާނާގެ ކޮލިޓީ ހިފެއްޓުމަކީ އެބައެއްގެ ޒިންމާއެކެވެ. އޭގެ އިތުރުން އެއް ފެންވަރެއްގައި މެއިންޓެއިންކުރާ ފަރާތްތަކަށް ރޭންކު މަތި ކުރުމަކީ އެމް.އެފް.ޑީ.އޭގެ މައްސޫލިއްޔަތަކަށް ހެދިދާނެއެވެ. މިއީވެސް މިކަންކަމަށް ކޮންމެވެސް މިންވަރެއްގެ އެދެވޭ ހައްލެއް ލިބިގެންދާނެ ކަމެކެވެ.

ރާއްޖޭގައި އުފައްދާ، ބޭނުންކުރާ ކާބޯތަކެއްޗާއި އިމްޕޯޓުކުރާ ތަކެތީ އިތުރުން އެކްސްޕޯޓުކުރާ ތަކެތީގެ ރައްކައުތެރިކަން ކަށަވަރުކޮށް އެ ތަކެއްޗަކީ ސިއްހަތަށް ފައިދާ ހުރި އާންމު ސިއްހަތައް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށާއި ކެއިންބުއިމަށް ބޭނުންކުރާ ތަކެތިގެ ފެންވަރު ހިފެހެއްޓުމާއި ރައްކައުތެރިކަން ދެމެއްޓުން މިއަދު މިވަނީ އިންތިހާއަށް މުހިންމު ވެފައެވެ. އެހެންކަމުން ކާބޯތަކެތި ރައްކާތެރި ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑު ތަކެއް މިހާރު ވަނީ ކަނޑައަޅައި ފައެވެ.

އެގޮތުން ކާބޯތަކެތީގެ ރައްކައުތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން 13 މެއި 2024 ގައި ފާސްކޮށް 23 މެއި 2024 ގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކައުތެރިކަމުގެ ބިލު ވަނީ ތަސްދީގު ކުރައްވައިފައެވެ. އަދި އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ އާންމު ސާފުތާހިރުކަމާއި ހިފާ ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަން ޖެހޭ ޝަރުުތުތަކާއި އަދި ބަދިގޭގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ރައްކާތެރިތަކެތިކަން ކަށަވަރުކުރަން ވާނެ ކަަމަށްވެސް ވަނީ ބުނެފައި އެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތައް ގަންނަ ތަންތަން އިނގޭނެ މައުލޫމާތު އެއްކޮށްފައި ބަހައްޓަންވެސް ވަނީ އަންގައިފައެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމަށާއި އަދި އެކަމަށް ބޭނުންކުރާ ބާވަތްތައް ދޮވުމަށް ބޯންކަމުދާ ފެން ބޭނުން ކުރަންވެސް ވަނީ އަންގަފާއި ވެއެވެ. ކަނޑައެޅިފައިވާ ޤާނޫނު އާއި ޤަވައިދުތަކާއި އަދި އުސޫލުތަކާއި ޙިލާފު ވެއްޖެނަމަ ފިޔަވަޅު އެޅިގެން ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: