ސަރުކާރުގެ ޑިޖިޓައިލް އައިޑީ، އީފާސްގެ ސިސްޓަމް އަޕްގްރޭޑްކުރަންޖެހިފައިވާކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ވޯލްޑް ބެންކުގެ އެހީގައި ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން މަޝްރޫއުއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ކިނާނަތު ވިދާޅުވީ، މިއީ ވޯލްޑް ބެންކުގެ އެހީގައި ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓެއްކަމަށާއި ގިނަ ސްޓޭކްހޯލްޑަރުންތަކަކަށް ފަންޑު ހަމަޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރޭގައި ޑިޕާޓުމެންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިތުރުން އެންސީއައިޓީގެ އަދި އެންވައިރަމެންޓު މިނިސްޓްރީވެސް ހިމެނޭކަމަށެވެ.
މިނިސްޓަރު ކިނާނަތު ވިދާޅުވީ، އެންސީއައިޓީއަށް ހަމަޖެހިފައިވާ ފަންޑުތަކުން މައިގަނޑު ދެ މަގުސަދެއް ހާސިލުކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އެގޮތުން ގަވަމެންޓް ޑިޖިޓަލް ސާވިސްއަކަށް އެންސީއައިޓީ ބަދަލުކުރުމަށް މި މަޝްރޫޢުގެ ދަށުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އިރު އެންސީއައިޓީ ވަރަށް ބޮޑަށް ރީސްޓްރަކްޗާކުރެވި ޑިޖިޓަލައިޒްކުރުމަށްޓަކައި ރޯޑްމެޕެއް އެކުލަވާލައި މަސައްކަތްތައް ކުރަމުންދާއިރު ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ހަދާފައިވާ ޑިޖިޓަަލް އައިޑީ ނުވަތަ އީފާސް އަޕްގްރޭޑްކުރުމަށް މި މަޝްރޫޢުގެ ދަށުން ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށެވެ. އެގޮތުން މިހާރު ގެންގުޅެމުންދާ އީފާސް ސިސްޓަމް އަޕްގްރޭޑްކުރަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށާއި މިވަގުތުވެސް އީފާސް ބޭނުން ކުރާ ރައްޔިތުން ވަރަށް ގިނަކަމަށް ވިދާޅުވިއެވެ.
ކިނާނަތު ވިދާޅުވީ، މިހާރުވެސް 230،000 ވަރަކަށް މީހުން މި ސިސްޓަމް ބޭނުންކުރާކަމަށާއި އެއީ ޖުމުލަ އާބާދީގެ 65 އިންސައްތައައި ގާތްކުރާ އަދަދެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އީފާސްގައި 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭކަމަށާއި އެ އަދަދު އުނިކުރުމަށްފަހު ބެލުމުން އިސްވެ ދެންނެވި މިންގަނޑަށް އީފާސް ބޭނުންކުރަމުންދާކަން ފެނިގެންދާކަމަށެވެ.
ވޯލްޑް ބެންކުގެ ޕްރޮޖެކްޓު މެނޭޖަރު ޑރ އިބްރާހިމް ވަހީދުވެސް މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. ޑރ ވަހީދު ވިދާޅުވީ ޕްރޮޖެކްޓުގެ ވެބްސައިޓު ލޯންޗުކުރުމަށް ކަނޑައެޅިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ވޯލްޑް ބެންކުން ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގުން ކަނޑައެޅިފައިވާ މަޝްރޫއުއެއްކަމަށެވެ.އަދި މި ޕްރޮޖެކްޓުގައި ސޮއިކުރީ 2022 ވަނަ އަހަރުގައިކަމަށާއި ތަންފީޒީ ސިފައެއް ޖެހިގެންދިޔައީ 2023 ވަނަ އަހަރުގެ މާޗު މަހުގައިކަމަށެވެ. އޭނާ ވިދާޅުވީ ބާރު ދުވެއްޔެއްގައި މަސައްކަތްތައް ކުރިއަށް ގެންދަން ފެށިފައިވަނީ މި އަހަރުގެ ތެރޭގައިކަމަށާއި ޕްރޮޖެކްޓުގެ މަސައްކަތްތަކަށް ހާއްސަކޮށް ލޯންޗުކުރާ ވެބްސައިޓުން މަސައްކަތްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބިވަޑައިގަންނަވާކަމަށެވެ.

