ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޫސުމީ ބަދަލުތަކުން ވައިގެ ދަތުރުފަތުރަށް ކުރާ ނޭދެވޭ އަސަރާއި ގުޅޭގޮތުން މައުލޫމާތު ބަދަލު ކުރުމަށް ފޯރަމެއް ފަށައިފިއެވެ.
މި ފޯރަމް ފެށީ މިއަދު ހެނދުނު 9:00 އެވެ. 2 ދަންފަޅިއަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މި ފޯރަމްގައި ސަރުކާރުގެ ވުރާރާތަކާއި، އިދާރާތަކުންވެސް ބައިވެރިވިއެވެ. މި ފޯރަމް ޝަރަފްވެރި ކޮށްދެއްވީ ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓ ޗޭންޖް ޑރ. އަލީ ޝަރީފެވެ.
ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން ”އިމްޕެކްޓްސް އޮފް ކްލައިމެޓް ޗޭންޖް އޮން އޭވިއޭޝަން“ ގެ ނަމުގައި ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އެމްއޭސީއެލްއަކީ މި ގައުމުގައި ވަރަށް ފުޅާ، އަދި ބުރަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމަށެވެ. 4،000 އަށްވުރެ ގިނަ މުވައްޒަފުން އެމްއޭސީއެލްގައި މަސައްކަތް ކުރާއިރު، އެ ކުންފުނީގެ މަސައްކަތުން ގައުމަށް ކުރާ އިމްޕެކްޓްވެސް ބޮޑުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްއިން މަސައްކަތް ކުރާނީ ޒިންމާދާރު ގޮތެއްގައި ތިމާވެއްޓަށް ބަލައިގެންކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ މުސްތަގުބަލުގައި ސޯލާ އެނާޖީއަށް ކުންފުނި ބަދަލުވާނެކަމަށެވެ. އަދި އެމްއޭސީއެލްގައި ބޭނުންކުރާ އުޅަނދުތަކަކީ ރިނިއުބަލް އެނާޖީ ބޭނުން ކުރާ އުޅަނދުތަކަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އޯޒޯން ލޭޔަރަށް ގެއްލުންދޭ ކަންކަން ފާހަގަ ކުރައްވައި އެކަން އިސްލާހު ކުރުމާ ގުޅޭގޮތުން ޝަރީފް ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.
ޕޮލިސީ ލެވެލްގައި މިކަހަލަ ކަންކަން ކުރާ އިރު ބޭސްވާ މައިގަނޑު ޕްރިންސިޕަލެއް އަޅުގަނޑު އެންމެ ފަހުން މާސްޓާސް ހެދި އިރު ކޮންމެ ވެސް ވަރަކަށް ކިޔަވާލިން.
ސިވިލް އޭވިއޭޝަނުންނާއި އަދި އެންވަޔަރަމެންޓް މިނިސްޓްރީއިން މި ފޯރަމްގައި ޕްރެޒެންޓޭޝަންއެއް ހުށައަޅާފައިވާއިރު، މެނދުރު ފަހުގެ ދަންފަޅިގައި މޯލްޑިވްސް މީޓެރޮލިޖިކަލް ސެންޓަރުގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއެކު ގުރޫޕް ޑިސްކަޝަންތަކެއް ކުރިއަށް ދިޔައެވެ.

