ކުންފުނިތަކުގެ ބޯޑަށް ޑިރެކްޓަރުންނާއި، މެނޭޖިން ޑިރެކްޓަރުން އައްޔަނު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކޮށް ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްއެއް އައްޔަނު ކުރުމަށް ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި، ކުންފުނީގެ ގާނޫނު ފާސްކުރިއިރު މި ބިލު ތަޅުމަށް ހުށަހެޅީ އިއްޔެ އެވެ. އަދި ބިލާއި ގުޅޭ ދިރާސާއަށް ކޮމިޓީ ބައްދަލުވުން ބޭއްވުމުން އިތުރު އިސްލާހެއް ނުގެނެސް ފާސްކުރުމަށް ހުށަހަޅައި، ފާސްކުރި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ފާސްކުރީ 85 މެމްބަރުންގެ ވޯޓުންނެވެ.
ބިލުގައިވާ ގޮތުން އިސްލާހު ހުށަހަޅާފައި ވަނީ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތީ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދެވޭ ގޮތަށާއި، ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ދިހަ ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށެވެ. އަދި އިސްލާހުގައި ވަނީ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުންޏެއް ނަމަ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން އެ ކުންފުނީގެ މެމްބަރުންނަށް ނޯޓިސް ފޮނުވުމަށެވެ.
މީގެއިތުރުން ދެން އިސްލާހު ހުށަހަޅާފައި ވަނީ ކުންފުންޏެއްގައި މަދުވެގެން ތިބެން ޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރެވޭ ގޮތަށެވެ. ކުންފުނީގައި ބަޔާން ކުރާ އަދަދަށް ޑިރެކްޓަރުން ނެތިގެން އެކަން ސަމާލުކަމަށް ގެނައުމުން ބޭނުންވާ އަދަދަށް ޑިރެކްޓަރުން އައްޔަނު ކުރުމުގެ ބާރު ރެޖިސްޓްރާއަށް ލިބިގެންވާކަމަށް އިސްލާހުގައި ވެއެވެ. އަދި ރެޖިސްޓްރާ އެގޮތަށް އެންގުމުން ދިހަ ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަނުކޮށް އެ މައުލޫމާތާއި އެކު އެކަން ރެޖިސްޓަރާއަށް ކުންފުންޏަކުން ހުށަހަޅަން ވާނެ އެވެ. އިސްލާހުތައް ބުނާ ގޮތުން މެނޭޖިން ޑިރެކްޓަރެއް ނެތް ހާލަތުގައި ވެސް އަމަލު ކުރަން ޖެހޭ ގޮތަކީ އެއީ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގައި މީގެ ކުރިން ޖަލްސާ ބޭއްވުމަށް ދިގު މުއްދަތެއް ލިބެ އެވެ. އެގޮތުން ޖަލްސާއަށް ދައުވަތު ދިނުމަށް ތިން މަސް ދުވަސް ލިބޭއިރު ޖަލްސާ ބާއްވަން ޖެހެނީ، އެގޮތަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގަ އެވެ.
ޖަލްސާއެއް ބޭއްވުމަށް ޕްރައިވެޓް ކުންފުނިތަކުން 14 ދުވަހުގެ ނޯޓިސްއެއް ފޮނުވާއިރު، ޕަބްލިކް ކުންފުނިތަކަށް ވެސް ހަމަ އެ މުއްދަތު މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ލިބެ އެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން ގާނޫނަކަށް ވާނެ އެވެ.

