ރާއްޖޭގައި ޕޭޕަލް ފެށޭނެ ތާރީހެއް ނޭންގޭ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ ޕޭޕަލް ރާއްޖެ ގެނައުމަށް ޓާގެޓް ކުރި ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށެވެ. ސައީދު ވިދާޅުވީ ވަރަށް އަވަހަށް ޕޭޕަލްއާ އެކު ކްރޮސް ބޯޑާ ޓްރާންސެކްޝަން ހަދަން ފެށޭނެ ކަމަށެވެ.
މީގެ ދެ ދުވަހެއް ކުރިން ޕޭޕަލްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުގައި ޕޭޕަލް އިން އެދުނު މުހިންމު މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.
”މީގެ ކުރިން މީޑިއާގައި އަޅުގަނޑު ދަންނަވާފައި ވާނެ އަޅުގަނޑުމެންގެ ޕްރޮޕޯސަލްއެއް ހުށަހަޅާފައޭ ވާނީ. މިހާރު މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން އަނެއްކާވެސް ޕޭޕަލް އާ އެއްކޮށް މަޝްވަރާތަކެއް ގެންގޮސް އެބޭފުޅުން ރާއްޖޭގެ ކުރޮސް ބޯޑާ ޓްރާސްސެކްޝަންއަށް ބޭނުންވެގެން ހޯދަން ބޭނުންފުޅުވި މުހިންމު މައުލޫމާތުތައް އަޅުގަނޑުމެން ވާނީ ފޯރުކޮށްދީފަ“
ސައީދު ވިދާޅުވީ ޔޫޓިއުބު އެކައުންޓް ހުޅުވުނު ކަމުގައި ވިޔަސް ޔޫޓިއުބުގެ މަނިޓައިޒް ކުރުމުގެ ދަތިތަކެއް ދިވެހިންނަށް ހުރި ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އަނެއްކާވެސް ދެވަނަ މަޝްވަރާތަކެއްކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުގައި ޕްރޮޕޯސަލް ހުށަހަޅަން ގަސްދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

