ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެެއާމަންގެ މަގާމަަށް އަހުމަދު އަލީ ހަބީބު އައްޔަނު ކުރުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި ހަބީބު ބީއެމްއެލްގެ ބޯޑަށް އައްޔަނު ކުރުމަށް ނިންމިކަމަަށް މިއަދު މީޑިއާތަކުން ވެސް ރިޕޯޓު ކުރި އެވެ.
އެކަން ކަށަވަރުކޮށްދެއްވައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމަށް ހަބީބު އައްޔަނު ކުރުމަށް ސަރުކާރުގެ ފަރާތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅާފައިވާކަމަށެވެ.
ހަބީބަކީ މަގާމަަށް ގާބިލު ތައުލީމީ ބޭފުޅެއްކަމަށާއި އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމި ހާސިލު ކުރައްވާފައިވާ ހަބީބަކީ ޗާޓަރޑް އެކައުންޓެންޓެއްކަން ހީނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ހަބީބު އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ ޑިރެކްޓަރުކަމާއި، އެކްޓިން ޗެއާމަންކަން ކުރެއްވުން ހިމެނެ އެވެ.
ހަބީބު ބީއެމްއެލްގެ ބޯޑަށް އައްޔަނު ކުރުމަށް ނިންމީ އޭނާ މަގާމަށް ގާބިލުކަމަަށް ގަބޫލު ކުރެވޭތީކަމަަށް ހީނާ ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ނަން ފޮނުވާފައިވާ ބޭފުޅުން އައްޔަނު ކުރާނެ އެވެ.
ބީއެމްއެލްގެ ސީއީއޯކަމުން ކާލް ސްޓުމްކަ ވަނީ އިސްތިއުފާ ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް އިޖީއެމްއާއި ހަމައަށް އޭނާ މަގާމުގައި ދެމިހުންނަވާނެ އެވެ.
ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވާއިރު އެއީ ސަރުކާރުން އައްޔަނު ކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ 3 މެންބަރުންނެވެ. ބީއެމްއެލްގެ ބޯޑުން ދާދިފަހުން ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

