ރައްޔިތުންގެ ހިއްސާ އޮންނަންޖެހޭ ކަންކަމުގައި ރައްޔިތުން ބައިވެރިކޮށްގެން މަސައްކަތް ކުރުމަކީ ނަތިއްޖާ ނެރެން ފަސޭހަވާނެ ކަމަށާއި އަދި ރައްޔިތުން އެ ކަމެއް ބަލައިގަންނާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު (މޯލްޑިވްސް ހެޕިނެސް އިންޑެކްސް) އެކުލަވައިލުމަށް ޓަކައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ގުޅިގެން އދ.ހަންޏާމީދޫގައި ބޭއްވި މަސައްކަތު ބައްދަލުވުމަށް ރައްޔިތުންގެ ތަރުޙީބު ލިބިގެން ދިޔަ ސަބަބަކީ ރައްޔިތުންގެ ހިއްސާ އޮންނަންޖެހޭ ކަންކަމުގައި ރައްޔިތުން ބައިވެރިކޮށްގެން މަސައްކަތް ކުރުން ކަމަށެވެ.
ހެޕިނެސް އިންޑެކްސްގެ އަތޮޅުތެރޭގެ ފުރަތަމަ ބައްދަލުވުން ވަނީ އދ. ހަންޏާމީދޫގައި ބާއްވައިފައެވެ. މިނިސްޓަރ ވަނީ، ހެޕިނެސް އިންޑެކްސްއަށް ރައްޔިތުން ދެެއްވި ތަރުޙީބާއި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ދެއްވި އެއްބާރު ލުމަށް ޝުކުރު ދަންނަވައި ފައެވެ. އަދި މއެފަދަ ކާމިޔާބު މަސައްކަތު ބައްދަލުވުމެއް އިންތިޒާމުކުރެއްވިކަމަށްޓަކައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާއި އިސްލާމިކް ޔުނިވަރސިޓީއަށް ޝުކުރު ދަންނަވައި ފައެވެ.

ނޫސްވެރިންގެ ބައްދަލުމެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ، ރާއްޖޭގެ ރަށްތައް ތަރައްޤީވެ ކުރިއަރަމުން އަންނައިރު ރައްޔިތުން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި، ރާއްޖޭގައި އޮތް ހާލަތް ދެނެގަނެވޭނެ ގޮތެއް އޮތުން މުހިންމު ކަމަށެވެ. އަދި ހުރިހާ ރަށެއްގައި ދިިރިއުޅޭ މީހުންނަށާއި ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް އެކި ރަށްރަށުގެ ހާލަތާއި އެރަށެއްގައި ކަންތައް ހުރި ގޮތް ދެނެގަނެވޭނެ ގޮތް ވުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
އެހެންކަމުން ހެޕިނެސް އިންޑެކްސްގެ ކުރިއަށް ގެންދިއުމުގެ މައިގަނޑު ސަބަބަކީ ރަށް ރަށުގެ ރަށްޔިތުންގެ ޙާލަތު ދެނެގަތުމާއި އަދި ރަށްޔިތުންނަށް ލިބޭ އުފާވެރިކަން މިންކުރުމެވެ.

