ކޮންމެ ދީނެއްގެ މީހެއް ނަމަވެސް އިސްލާމް ދީނުގައި އޮންނަނީ ގައުމުތަކުން އަންނަ ސަފީރުންނަށް އިހުތިރާމް ދިނުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝަހީމްވަނީ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒްގެ އަންހެނުން، އައިޝާތު ޝާދިޔާ ހައްޔަރުކުރި މައްސަލައާއިމެދު މައުލޫމާތު ދެއްވާފައެވެ. ޝަހީމް ވިދާޅުވީ، އިޔާޒްގެ އަނބިކަނބަލުން ވަރިކުރުމަށްް އޭނާ އިރުޝާދު ދެއްވިކަމަށް ނޫހަކުން ފެނުނުކަމަށެވެ. އެހެންނަމަވެސް އޭނާ އެފަދަ އިރުޝާދެއް ނުދެއްވާކަމަށާއި އިޔާޒް އާއި ދެމެދު މުއާމަލާތެއް ނުކުރާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ.
ޝަހީމް ވިދާޅުވީ އަނބިކަނބަލުން ކޮންޓްރޯލް ނުވާކަމަށް ވިދާޅުވަމުންދަނީ ޑރ އިޔާޒްކަމަށާއި އެހެންކަމުން ޑރ އިޔާޒް ފަދަ މާތް ބޭފުޅެއް އެފަދަ ބަސްނާޙާ މީހަކާއިއެކު ނޫޅުމަށް މީހަކު ބުނެފައިވުން އެކަށީގެންވާކަމަށެވެ. އަދި އެއީ ސަރުކާރުން އޭނާގެ އަންހެނުން ވަރިކުރުމަށް އެންގުން ނޫންކަމަށާއި ޝާދިޔާ ހައްޔަރުކޮށްފައިވަނީ ފަލަސްތީނުގެ ހައްގުތައް ކަށަވަރުކުރުމަށް އަޑުއުފުލައިގެންކަމަށް ގަބޫލުނުކުރައްވާކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަފީރުން ތިބޭ ގޭގެއަށް ގޮސް އެއްޗެހި އެޅުމަކީ ދުނިޔޭގެ ގާނޫނުގައިވެސް މަނާ ކަމެއްކަމަށެވެ. ޝަހީމް ވިދާޅުވީ އެއްވެސް ގައުމެއްގައި އެގޮތަށް އެކަން ނުކުރެވޭނެކަމަށާއި ރާއްޖެއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ލިބިފައިވާ ގައުމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމާއި ގުޅުވައި އެތައް މުޒާހަރާއެއް ކޮށްފައިވާކަމަށާއި އެތައް ސަތޭކަ ބަޔަކު މަގުތައް މައްޗަށް ނުކުމެފައިވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ބަޔަކު ހައްޔަރުނުކުރާކަމަށާއި ވަކި ސަފީރަކަށް ޓާގެޓުކޮށްގެން ފަތިސް ނަމާދުން ފައިބާ ގޮތަށް އޭނާ ދިރިއުޅޭ ގޭދޮށަށް ގޮސް އެގޭގައި ތިބޭ ކުޑަކުދިންނަށްވެސް އުނދަގޫ ކުރުމަކީ އިސްލާމް ދީނުގައި ކަން ކުރުމަށް އޮންނަ ގޮތް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ، އިސްލާމް ދީނުުގައި އޮންނަނީ ރިވެތިކޮށް އަޑުއުފުލުންކަމަށާއި އުޅެންޖެހޭނީ ދީނީ މިންގަނޑުތަކުގެ ތެރޭގައިކަމަށެވެ. ޝަހީމް ވިދާޅުވީ، ދިރިއުޅެން ޖެހޭނީ އިސްލާމީ އަހުލާގުގެ މިންގަނޑުތަކުގެ ތެރޭގައިކަމަށާއި ގޭގެއަށް ހުރުމަތްތެރިކަން ބަހައްޓަންޖެހޭނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ގައުމުތަކުން އައިސް ތިބޭ ސަފީރުންނަށް އިހުތިރާމް ދިނުމަކީ އަމުދުން ކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ ދީނެއްގެ މީހެއް ނަމަވެސް އިސްލާމް ދީނުގައި އޮންނަނީ އެގޮތަށްކަމަށާއި ރަނގަޅު މަގުން ކުރިއަށް ދިއުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

