ޤައުމީ އިސްލާމީ ލައިބްރަރީ އަންނަ އަހަރުގެ ޖެނުއަރީ މަހު ޤާއިމުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު ވިދާޅުވީ، އިސްލާމީ މަރުކަޒުގައި ކުރިން ލައިބްރަރީއެއް ހުރި ކަމަށާއި އެހެން ނަމަވެސް އެތަން ބަންދުކޮށް ފޮތްތައް މިދިޔަ އަހަރުގައި ގުދަނަށް ލާފައިވާ ކަމަށެވެ. ނަމަވެސް ސަލްމާން މިސްކިތުގައި، މީހުންނަށް ވަދެވޭނެހެން ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެކަމަށް ވަނީ ވިދާޅުވިއެވެ. އޭގެ ފަހުން ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމް ކުރެވިފައި ހުރި މަރުކަޒުތަކުގައި ލައިބްރަރީތައް ގާއިމް ކުރަައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވިއެވެ.
އެގޮތުން ލައިބްރަރީތައް ޤާއިމް ކުރުމަށް ވުޒާރާއިން ނިންމައިފައިވަނީ ގދ. ތިނަދޫ އިސްލާމިކް ސެންޓަރ، ރ. އުނގޫފާރު އިސްލާމިކް ސެންޓަރ، ހއ. ދިއްދޫ އިސްލާމީ ސެންޓަރ، އައްޑޫސިޓީ ހިތަދޫގައި އިސްލާމީ ސެންޓަރ އަދި ޏ. ފުވައްމުލަކުގައި ކީރީތި ޤުރުއާނާ ބެހޭ މަރުކަޒު ނިމޭއިރު އިސްލާމީ ލައިބްރަރީ ޤާއިމުކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެތަން ޤާއިމް ކުރެވިގެންދާނީ ދިރާސާ ކުރާ ފަރާތްތަކަށް ފަސޭހައިން ދިރާސާ ކުރެވޭނެ ފަދަ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
”އެތަން ޤާއިމުކުރާނީ ދިރާސާ ކުރާ މީހުންނަށް ފަސޭހައިން ދިރާސާ ކުރެވޭނެ ފަދަ ގޮތަކަށް، ޒަމާނީ ވަސީލަތްތަކާއެކު. އަޅުގަނޑުމެންގެ އަމާޒަކީ ޖެނުއަރީ މަހުގެ ކުރިން މި ލައިބްރަރީ އިފްތިތާހުކުރުން“ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަށް ގެންނަން ބޭނުންފުޅުވަނީ މާއްދީ ތަރައްޤީ ނޫންކަމަށާއި ފިކުރީ ތަރައްޤީ ގެންނަވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އިސްލާމީ ހިދާޔަތު ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ރައީސްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމަށާއި އެ ވުޒާރާއިން މަސައްކަތް ކުރައްވަމުންގެންދަވަނީ އެ އަމާޒަށްކަމަށް ވަނީ ވިދާޅުވިއެވެ.

