ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. މިއީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާ ބުނާގޮތެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަމެއް ގާއިމުކުރެވި އެ ދައުލަތެއްގެ އެންމެހާ ބާރުތަކަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިފައިވާ އެއްޗެކަށްވެ މި ނިޒާމުގެ ތެރޭގައި ދަތުރު ކުރަމުންދާތާ އަހަރުތަކެއް ފާއިތު ވެއްޖެއެވެ. ޑިމޮކްރެސީ އަކީ ކޮބައިތޯ އަހައިލުމުން އެންމެންވެސް ބުނާނީ އެއީ ރައްޔިތުންގެ ބާރު ނުވަތަ ރައްޔިތުންގެ ވެރިކަން ކަމަށެވެ.
ޑިމޮކްރެސީއަކީ އޭގައި ވަރަށް ފުން މާނައެއް އެކުލެވިގެންވާ މަހްފޫމެކެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަމެއް ގާއިމުކޮށްފައި ވީނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހައްގުތައް ފޯރުކޮށްދެވިފައި ނެތް ކަމަށް އެންމެ ގަބޫލުކުރެއެވެ. އަދި އޭގެން ސާފުވާ އެއްކަމަކީ ވަޞަޢީ ޑިމޮކްރެސީއަކީ އިންސާނާއަށް ފޯރުކޮށްދޭން ޖެހޭ އެންމެހައި ހައްގުތައް ހޯދައިދޭނެ ނިޒާމެއް ނޫންކަމެވެ.
ވަޟައީ ޑިމޮކްރެސީ އާއި ހިލާފަށް އިސްލާމީ ޑިމޮކްރެސީގެ މަންހަޖާއި، އުސޫލުތައް ބަޔާންކޮށް ދާދިފަހުން އިބްރާހީމު ރަޝީދު މޫސާ ލިޔެ އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށް ވަނީ ފޮތެއް ނެރެފައެވެ. އެ ފޮތުގައި އަލީގައި އިސްލާމީ ޑިމޮކްރެސީއަށް ބަލާއިރު ވަޞަޢީ ޑިމޮކްރެސީ ބިނާވެފައިވަނީ އޭގެ ބާނީންގެ ހިޔާލާއި ފިކުރާއި ވިސްނުމުގެ މައްޗަށެވެ. މިއަދު މި ފެނިގެންދާ ޑިމޮކްރެސީއަކީ ޒަރޫރީ ހާލަތު ނިޔާ ކުރާ ނިޒާމެކެވެ. ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަންކަމުގެ ތެރޭގައި ވެރިކަން ކުރާ ޕާޓީތަކުގެ ދުއްތުރާތަކާއި، މުއްސަނދި މަހުޖަނުންގެ ފަސާދަ ހިމެނެއެވެ.
މީގެއިތުރުން ފޮތުގައި ބުނެފައިވަނީ ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ އަގުލަބިއްޔަތަށް ވެރިކަމުގެ ބާރާއި ސިޔާދަތު ލިބިދޭ ވެރިކަމުގެ ނިޒާމަކަށް ޑިމޮކްރެސީ ވާއިރު އޭގެން ބުނެދެނީ ވަރިކަން ކުރާނީ ރައްޔިތުން ކަމެވެ. ޑިމޮކްރެސީއަަށް ހާއްސަ ސިފަތަކެއް ލިބިގެންވާއިރު އެއީ ފަލްސަފީ މަޒަހަބެއް ކަމަށް ފޮތުގައި ބަޔާންކުރެއެވެ. އަދި އިތުރު ސިފަތަކަށް ބަލާއިރު ޑިމޮކްރެސީ ގާއިމުވެފައި އޮންނަނީ ހަމަހަމަކަމާއި މިނިވަންކަމުގެ މަތީގައާއި، އިންސާނުން އުފައްދައިފައިވާ ޑިމޮކްރެސީ ބިނާވެިފައިވަނީ ސިޔާސީ ގިނަ ޕާޓިތަކުގެ ނިޒާމުގެ މައްޗަށެވެ. އެހެންނަމަވެސް ހަގީގީ ޑިމޮކްރެސީ ބިނާވެގެން ވަނީ މިނިވަން އާއްމު އިންތިހާބުގެ ނިޒާމުގެ މަތީގައެވެ.
ޑިމޮކްރެސީގެ ވާހަކަ ދައްކަވައި ކުރީގެ ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ޑިމޮކްރަސީ ޤާއިމުވެފައިވާ ދައުލަތެއްގައި ރައްޔިތުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ލިބިގެންވާކަން އެންމެންވެސް ގަބޫލުކުރާ ކަމަށެވެ. އެ ޙައްޤުތަކާއެކު ރައްޔިތުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކެއްވެސް އެޅިގެންދާކަމީ ޙަޤީޤަތެއް ކަމަށެވެ. ހަމައެފަދައިން ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައި ވެސް، މަސްއޫލިއްޔަތުތަކެއް އެޅިގެންދާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. ޑިމޮކްރަސީއަކީ ރައްޔިތުންގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމުގައި ބުނެވެނީ މި ދެންނެވި ޙައްޤުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ގެތިފައިވާ ސިލްސިލާގެ ބަދަހިކަމުން ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރެސީއޭ ބުނެ ކުރަމުންދާ ކަންކަމަކީ ޑިމޮކްރެސީގެ އުސޫލުތަކާއި މުޅިން ހިލާފު ކަންކަމެވެ. ޑިމޮކްރެސީގެ ނަމުގައި ބަޔަކު ސަކަރާތްޖަހައި ސިޔާސީ ވުމަކީ ކޮބައި ކަމާއި ޒާތީ ވުމަކީ ކޮބައިކަން ތަސައްރުފުފުދި ބޮޑެތިވެފައިވާ ބަޔަކަށް ނޭންގޭ ހިސާބަށް ވަނީ ގޮސްފައެވެ. ރާއްޖޭގައި މިއަދު ޑިމޮކްރެސީއިން ލިބުނު ހެވެއް ނެތްތަނުގައި ކަންކަން ވަނީ އިތުރަށް ގޯސްވެފައެވެ. އެހެންނަމަވެސް ރާއްޖޭގައި އިންތިހާބުތަކަށް ބަލާއިރު އެއީ ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ ކަމެއްގެގޮތުގައި ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިއީ ޑިމޮކްރެސީ އާއި ގާތައް އެޅޭ ފިޔަވަޅެއް ކަމަށް ފާހަގަކުރެވުނު ނަމަވެސް ރާއްޖޭގައި ޑިމޮކްރެސީގެ ނަމުގައި ހަދާ ގޯސްތައް ހުއްޓުވަން ޖެހެއެވެ. ދެކެވުނު ހުރިހާ ވާހަކަ އަކުންވެސް އެނގިގެންދަނީ ރާއްޖޭގެ ޑިމޮކްރެޓިކް ވެށީގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވެ އޮތްކަމެވެ. މިއަދު އެކަން ފެންނަން ނެތުމަކީ ވަޞަޢީ ޑިމޮކްރެސީއަކަށް ތަބާވުމެވެ.

