ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތްތައް ކުރުމުގައި ގައުން ލާން ޖެހޭ ގޮތަށް ގެނައި އިސްލާހަށް އަމަލު ކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ފަނޑިޔާރުންގެ ތެރެއިން ގައުން ލާން ޖެހެނީ، މިހާރުގެ އުސޫލު އޮންނަ ގޮތުން ހައިކޯޓާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. އަދި ދަށު ކޯޓުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ތިއްބަވަނީ ކަޅު ކުލަ، ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓްލޫނުގަ އެވެ.
މިދިޔަ ޖޫން މަހު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކުރި ”ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު“ ބުނާ ގޮތުން އިސްލާހަށް އަމަލު ކުރަން ފަށަން ޖެހެނީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އާންމު ކުރެއްވި ގޮތުގައި އެ އުސޫލަށް އަމަލު ކުރުން މިހާރު ވަނީ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
މި ތާރީހު ފަސް ކުރި ސަބަބެއް ސުޕްރީމް ކޯޓުން ހާމަކުރައްވާފައި ނުވެ އެވެ.
މި އުސޫލުގެ ބޭނުމެއްކަމަށް ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑްރެސް ކޯޑެއް ކަނޑައެޅުމާއި އެ ޑްރެސްކޯޑު ދަށު ކޯޓުގެ ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާ ބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
ޝަރީއަތުގެ މަޖިލީހުގެ ޑްރެސްކޯޑުގެ ދަށުން ލާން ޖެހޭ ގައުންގެ ނަމޫނާ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާންމު ކުރަން ޖެހޭނެ އެވެ. އަދި އުސޫލަށް އަމަލު ކުރަން ފަށާއިރު ފަނޑިޔާރުންނަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ގައުން ފޯރުކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓުގެ އުސޫލުގައި ވެއެވެ. އަދި ކޮންމެ ދެ އަހަރަކުން ފަނޑިޔާރުންނަށް ގައުން ފޯރުކޮށްދޭން ޖެހޭއިރު، ގައުން ޑްރައި ކްލީންކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތީ ފަނޑިޔާރުންނަށްކަން ވެސް އުސޫލުގައި ވަނީ ފާހަގަކޮށްފަ އެވެ.

