ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ”ސީޑްސް ފޮރ ދަ ފިއުޗަރ“ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރުމަށާއި، ޕްރޮގްރާމަށް ހޮވުނު 4 ދިވެހި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ވަނީ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާގައި، ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ލިބުނު 4 ދަރިވަރުންގެ ނަން ޢިއުލާންކޮށް އެ ދަރިވަރުންނަށް ވަނީ މަރުހަބާ ދަންނަވާފައިވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ހުޅުވާލި މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރު، ޔޫސުފް މިޒާން މުޙައްމަދު، އެވިޑް ކޮލެޖްގެ ދަރިވަރު، ހަމްނާ ހުސައިން، ވިލާ ކޮލެޖްގެ ދެ ދަރިވަރުންކަމަށްވާ، އައިޝަތު އަލްޔާ އަދި އައިޝަތު މުޝީރާ އެވެ.
ހުއާވޭ ކުންފުނިން އައިސީޓީ ދާއިރާގައި ޒުވާނުން ބިނާކުރުމަށް ހިންގާ، ”ސީޑްސް ފޯ ދަ ފިއުޗަރ“ ޕްރޮގްރާމަކީ ދިވެހި ދަރިވަރުންނަށް އައިސީޓީ ދާއިރާގެ ޢަމަލީ ތަޖުރިބާ ފުޅާގޮތެއްގައި ލިބިގެންދާނެ ޕްރޮގްރާމެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.
ހުއާވޭ އިން މި ދަރިވަރުންނަށް ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

