މާލީ ދަތިތަކުން އަރައިގަތުމަށް ފީފާ މެދުވެރިކޮށް ފުޓްބޯލް އެސޯސިއޭޝަނުން ނެގި ލޯނު ފައިސާއަށް އެފްއޭމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓެއް ގަނެފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅައިފި އެވެ.
ފުލުހުން ކުރިޔަށް ގެންދާ ތަހުގީގުތަކާއި ގުޅޭ މައުލޫމާތުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިނޭންޝިއަލް ކްރައިމް ޔުނިޓުން ބުނީ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވިކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނިކޮށް، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓެއް ގަނެ ފްލެޓަށް ފައިސާ ދެއްކީ ވެސް އެފްއޭމްގެ ފައިސާ ބޭނުންކޮށްގެންކަން އެނގުނުކަމަށް ފުލުހުން ބުންޏެވެ. މި އެޕާޓްމަންޓުތަކަށް ފައިސާ ދެއްކުމަށް ބައްސާމް ޔިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ބޭނުންކޮށްފަ އެވެ.
ފުލުހުންގެ ތަހުގީގަށް ލިބުނު އިތުރު މައުލޫމާތުތަކުގެ ތެރޭގައި، އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް ފަހު، ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިއުން ތައްޔާރުކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވުން ހިމެނެ އެވެ.
ބައްސާމް އެޕާޓްމަންޓު ގަންނަން ބޭނުން ކުރީ އެފްއޭމަށް ލިބުނު ޑޮލަރު މާރު ކުރުމަށް އެކި ކުންފުނިތަކަށް ދޫކުރި ފައިސާއިން ލިބިފައިވާ ފައިސާ އެވެ.
ކޮވިޑުގެ ތެރޭގައި އެފްއޭއަމަށް ލިބުނު ލޯނަކީ ފީފާ މެދުވެރިކޮށް ކޮވިޑު ރިލީފް ފަންޑުގެ ގޮތުގައި ލިބުނު 1.9 މިލިއަން ޑޮލަރެވެ. މިއީ ކޮވިޑުގެ ތެރޭގައި ކްލަބްތަކަށް އެހީވުމަށް އެފްއޭއެމް ދޫކުރި ފައިސާ އެވެ.
އެފްއޭއެމްއަށް ލިބެން ޖެހޭ ބައެއް ފައިސާތަކެއް ލިބުނުކަމަށް ދެއްކުމަށް ބައްސާމް ކުންފުންޏަކުން ލޯނެއް ވެސް ނަގާފައި ވެއެވެ. އެ އަދަދު އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމަށް ފައިސާ ދެއްކިކަމަށް ތައްޔާރު ކުރި ރަސީދުތަކުގެ އަދަދު ވެސް ދިމާވެ އެވެ.
މީގެއިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ދޭ ޑޮލަރު އެ އެސޯސިއޭޝަނުގެ އިސްވެރިންނާއި އެ އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށްގެން މަނީ ލޯންޑާރ ކުރި މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާކަމަށެވެ.

