މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް އޮޕަރޭޝަނެއް ހިންގައި 7 އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް އަމާޒުކޮށް އޮޕަރޭޝަނެއް ހިންގައި އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބަލައިފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީ އަންހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ބިދޭސީންނަށް ވަޒީފާ ދިން މީހުންގެ ތެރެއިން ހަތް މީހަކަށް ނޯޓިސް ފޮނުވައިފާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދެއްވައިފައެވެ.
އެ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުންނާ އެކު ފުލުހުންގެ އިންޓެލިޖެންސް ޓީމްއެއް ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ވެސް އިމިގްރޭޝަނުން މާލެ
ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާއިރު، އަމާޒަކީ ކުރިއަށް އޮތް ދުވަސް ތަކުގައި ރާއްޖޭގެ ރައްތަކުގައި ޤަވައިދާ ޙިލާފަށް ދިރިއުޅެމުންދާ ބިދޭސީން ދެނެގަނެ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.

