ދިވެހިރާއްޖޭގެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޝާއިޢުކޮށްފައިވާ އެންމެ ފަހުގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައި، 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ދިވެހިރާއްޖޭގެ އެކްސްޕޯޓު ވިޔަފާރީގައި ފާހަގަކުރެވޭ ދަށްވުމެއް އައިސްފައިވާކަމަށް ހާމަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖުމުލަ އެކްސްޕޯޓުގެ އަގު 15 އިންސައްތައިން ދަށްވެ، 14.3 މިލިއަން އެމެރިކާ ޑޮލަރުގެ ދަށްވުމެއް ރެކޯޑުކޮށްފައިވެއެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި މުދަލުގެ އެކްސްޕޯޓު މަދުވުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ދަށްވުމުގެ ޓްރެންޑު ވޭތުވެދިޔަ ތިން ކުއާޓަރގައިވެސް ދެމިގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، ރީ-އެކްސްޕޯޓުގެ ދާއިރާގައި ކުރިއެރުމެއް ފެނިފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި ދާއިރާގައި 16 އިންސައްތައިގެ ކުރިއެރުމެއް ލިބި، 7.4 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުވުމެއް ރެކޯޑުކޮށްފައިވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޖެޓް ފިއުލްގެ ރީ-އެކްސްޕޯޓު 18 އިންސައްތަ ނުވަތަ 5.8 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވުންކަމަށް ބަޔާންކޮށްފައިވެއެވެ. މި އިތުރުވުމަށް މަގުފަހިވެފައިވަނީ ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުންކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
އިންފްލޭޝަނާ ގުޅޭގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރގައި 0.3 އިންސައްތައަށް ދަށްވެފައިވާއިރު، ތިންވަނަ ކުއާޓަރގައި 1.8 އިންސައްތައަށް އަދި ހަތަރުވަނަ ކުއާޓަރގައި 7.3 އިންސައްތައަށް އަރައިގެންދާނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. މި އިތުރުވުން އަންނާނެކަމަށް ބެލެވެނީ ސަބްސިޑީ ރިފޯމުގެ ސަބަބުންކަމަށާއި، މީގެ ތެރޭގައި ކާބޯތަކެއްޗާއި ކަރަންޓުގެ ސަބްސިޑީ ޓާގެޓެޑް ސިސްޓަމަކަށް ބަދަލުކުރުން ހިމެނޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

